ހުޅުމާލެއިން 60 ބިން ރިއަލް އެސްޓޭޓް އުސޫލުން ވިއްކުމަށް ނިންމާފައިވަނީ ކުރީ ސަރުކާރުގެ ޕްލޭންގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއްޖެ އެވެ.

މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވެފައި ވަނީ އެޗްޑީސީން އިއުލާން ކޮށްފައި ވަނީ އެ ކުންފުނިން ވިޔަފާރި އުސޫލުން ވިއްކުމަށް ކުރިން ރާވާފައިވާ ބިންތަކެއް ކަމަށާއި އެއީ އާންމުންނަށް ގޯތީގެ ގޮތުގައި ދޫ ކުރަން ރާވާފައިވާ ބިންތަކެއް ނޫން ކަމަށެވެ.

"އެއީ މާ ކުރިއްސުރެ އެޗްޑީސީގެ މާސްޓާޕްލޭނުގައި، ހުޅުމާލެ އަޅުގަނޑުމެންނާ ހަމައަށް އައިއިރު ވެސް އޮތް ޕްލޭނެއް އެއީ. އެ ޕްލޭންގައި ހުރި ވިއްކަން ހުރި ތަންތަން މިހާރު އެ މީހުން ވިއްކަން އިއުލާން ކޮށްގެން އެ އުޅެނީ. އެ ތަންތަން އެއީ ކޮމާޝަލް ކޮށް ވިއްކަން ހުރި ތަންތަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަސްލަމް ވިދާޅުވީ ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ގުޅިފަޅުން މެކްސިމަމް ދެވެން އޮތް ވަރަކަށް ގޯތި ދޭނެ ކަމަށާއި ގުޅިފަޅުން 2،100 ގޯތި ދެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ހުޅުމާލެ އިން ސީދާ އަދަދު ނުއެއް ނިންމަން. ބަލަމުން މި ގެންދަނީ ފްލެޓު އަޅަން ހުރި ބިންތައް ބަހައްޓާފައި ބާާކީ ހުރި ބިންތަކުގެ ތެރެއިން ގޯތީގެ ގޮތުގައި ދެވޭނީ ކޮން ތަންތަނެއްތޯ؟ ގޯތި ދެވޭ ސީދާ އަދަދުތައް ރައީސް އިއުލާން ކުރައްވާނެ،" އަސްލަމް ވިދާޅުވެފައިވެ އެވެ.