މިއަދަށްފަހު ރާއްޖެ ފުރޮޅި އިންގިލާބު ވެގެންދަނީ ތަރައްގީގެ، މުޅިން އެހެން މަރުޙަލާ އަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން މިހާރު މިމަސައްކަތް ނުފެށިވާ 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ދުވަހު ފެށި ކަމަށާއި، މަޝްރޫއުތައް ހަވާލު ކުރަމުން، މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް ކަމަށެވެ. އަދި މިކަމުގައި ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުގެ މި ހަފްލާ އަށްފަހު ދިވެހިރާއްޖެ ފުރޮޅި އިންގިލާބް ވެގެން އެދަނީ ތަރައްގީގެ މުޅިން އެހެން މަރުޙަލާ އަކަށް. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް، ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، އިރާދަކުރެއްވިއްޔާ ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދަށް ފަހު ފެނާ ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ރާއްޖެއަކު ނޯންނާނެ ކަމަށެވެ.

"ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތަށް ވަޅުލެވި، ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖެ، އެކުއެކީ ހިނގާން ފެށުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ދެއްކެވި ވާހަކައަކީ، އަދި ވެވަޑައިގެންނެވި ވައުދަކީ ވެސް މިއީ ކަމަށާއި މިއަދަކީ އެ ވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނު ފޮޅާލާ ދުވެލި ހަރުކުރި ދުވަސް ކަމަށެވެ.

މިހާރު މިމަސައްކަތް ނުފެށިވާ 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަނީ ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީ ވެސް ގައިންތާހިރުވެ ތިބެ ކަމަށް ބުނީ ޚުދު އެމަނިކުފާނު ކަމަށެވެ.

"ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ވެސް ގައިންތާހިރުވެ ތިބެ ކަމަށް ބުނީ އަޅުގަނޑު. މިހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި ދެންނެވީ އަޅުގަނޑު. އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އަޅާނެ ކަމުގެ ވައުދުވީ ވެސް ހަމަ އަޅުގަނޑު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސާފުތާހިރުކަމަކީ އީމާން ކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަޚްލާގްގެ ފިލާވަޅު އަދިވެސް ހަނދާނުގައި ހުންނަ ކަމަށެވެ.

"އެއީ އޭގެ ޒާތުގައި މައުނަވީ ވާޖިބެއް. ނުވާނެކަމުގެ ފާޑުކިއުމާ، އަދި އިތުރަށް ވިސްނާލުމުގެ ނަޞޭޙަތާ މަޝްވަރާ އެތައް ގޮތަކުން އަޅުގަނޑަށް ލިބުނު. އެހެން ނަމަވެސް ވާޖިބަކަށް ވައުދުނުވެ ހުންނާކަށް އަޅުގަނޑުގެ ޒަމީރު ޖާގައެއް ނުދިން،" ރައީސް ވިދާޅުވި އެވެ.

މިއަދު މަސައްކަތް ހަވާލުކުރެވުނު 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތާއެކު ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ނުކުރެވިވާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމުގެ މަސައްކަތް ވަނީ ނިންމަން ހަވާލުކުރެވިފަ އެވެ.