އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ދެމީހުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ އެވެ. އުމުރުން 29 އަހަރުގެ މާވިންއަކީ ފިލިޕީންސްއަށް އުފަން މީހެކެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި ދިވެހި ނަރުސްކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހުމާން އަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ އެ ދެ މީހުންނަށް ދައުވާކުރުމަށް ފުލުހުން މިމަހުގެ 26 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ވެސް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.