މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވިލިމާލެ އިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުުރުން 27 އަހަރުގެ މީހެއް ކަމަށެވެ. އަދި މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 29 ވަނަ ދުވަހުގެ ރޭ ވިލިމާލެ ތެރެ ޕެޓްރޯލްކުރުމުގެ ތެރެއިން، އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 67 ސެލޯފިންކޮޅު ފެނުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއަށް ދީފައިވާކަމަށާއި، އަދި އަނެއް ތިން މީހުން ބަންދުގައި ބޭތިއްބުމަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، މި ޑިސެމްބަރު މަހު 25 އިން 28 އަށް އދ. ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ދިގުރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްކަމަށާއި، އެ ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ މައްސަލަ ވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް އިތުރަށް ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.