ރާއްޖޭގެ ޓެލެގްރާމް ގްރޫޕެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ގްރޫޕުގައި އެކި ބާވަތްތަކުގެ މަސްތުވާތަކެއްޗާއި އޭގެ އަގު ދަނީ އިޝްތިހާރު ކުރަމުންނެވެ.

މިގޮތުން އެތަކެތީގެ ވިޔަފާރިކުރަން ބޭނުންވާ މީހުން، ތަކެތި ވިއްކަން ޖަހާފައިވާ މީހުންނަށް މެސެޖުކޮށް ގަނެ ހަދަން ޖެހެ އެވެ.

މި ތަކެތީގެ ވިޔަފާރި ޓެލެގްރާމްގައި ކުރާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ވެސް ޓެލެގްރާމުގައި މިފަދަ މުއާމަލާތްތައް ހިންގާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެގޮތުން ޓެލެގްރާމް ގްރޫޕްތަކުގެ ޒަރިއްޔާއިން އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ އާންމުކުރުމާއި، ހަށި ވިއްކުމުގެ ވިޔަފާރިކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ.