ކ. ދޫނިދޫގައި ހުންނަ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީން ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެނުގައި ގިނަ އަދަދަކަށް ބެކްޓީރިއާ ހުރި އިރު ފެން ސާފުކުރަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ފުލުހުން ރައްދު ދީފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޗްއާރުސީއެމްގެ ފަރާތުން ދޫނިދޫއަށް ކުރި ޒިޔާރަތުގައި ފެން ޓެސްޓް ކުރިއިރު ބައެއް ގޮޅިތަކުން ނެގި ފެނުގައި "ކޮލިފޯމް" ހުރި ކަން ފާހަގަކޮށް 72 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ތަނުގެ ބައެއް ފެން ހޮޅިތައް ބަންދު ކުރުމާއި ފެން ސާފުކުރުމަށް ބޭނުން ކުރާ ކްލޮރިނޭޝަން ސިސްޓަމް އާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދަން ޖެހޭތީ އެ ކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ޖެހުމުން ލަސްތަކެއް ދިމާވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި މަސައްކަތްތައް ކުރަމުން ދަނިކޮށް ފުލުހުން މިކަން ރަނގަޅު ކުރަން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބަޔާންކޮށް އެޗްއާރުސީއެމް އިން ނޫސް ބަޔާނެއް ނެރެފައިވަނީ ރައްޔިތުންނަށް ކަމުގެ އޮޅޭ ގޮތަށް. ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީ ގޮތުން ވަނީ ހަމަޖައްސާފައި،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ދޫނިދޫ ޖަލަށް ކުރި ސިލްސިލާ ޒިޔާރަތްތަކުގެ ތެރެއިން ޒިޔާރަތެއްގައި އެ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލު ކުރުމަށްފަހު ފުލުހުންގެ ސަމާލު ކަމަށް ގެނަ އެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް ބެލި ބެލުމުން ވެސް އެ ތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ހާމަވެފައިވާ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަމަށް ވެސް ބުނެފައިވެ އެވެ.