މާލެ ފެހިކުރުމުގެ ގޮތުން 100،000 ގަސް އިންދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލެ ސިޓީ މޭޔަރު ޑރ. މުހަންމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް އަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާލޭ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރު އަބްދުﷲ ރަމީޒު މި ޕްރޮގްރާމް ފައްޓަވައިދެއްވާފައިވާއިރު، މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މާލޭގައި 100،000 ގަސް އިންދުމުގެ މި މަސައްކަތުގެ ދަށުން 75 އިންސައްތަ އާއި، 80 އިންސައްތައާ ދެމެދުގެ ގަސް އިންދުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގުތަކުގަ އެވެ. އަދި ބާކީ ގަސްތައް އިންދުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ޕާކުތަކުގަ އެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެފަރާތުގައި އެކި ބާވަތުގެ ގަސްތައް އިންދަން ފަށާފަ އެވެ. މިހާރު ވެސް މަޖީދީމަގުގެ ދެ ފަރާތުގައި ވަކި ތަރުތީބަކުން އަނބު ގަހާއި ޖަނބުރޯލު ގަސް އިންދަން ވަނީ ފަށައިފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން މަގުތަކުގައި ގަސް އިންދަން ފަށާފައި ވަނީ ހުރިހާ މަގެއް ދިރާސާކުރުމަށް ފަހުގައި ކަމަށާއި، ރަނގަޅު ޑިޒައިނެއްގެ ދަށުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.