އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން ރިވެލި"ގެ ދަށުން ގިނަ އަދަދެއްގެ އުޅަނދާއި ސަރަހައްދުތަކެއް ބަލައި ފާސްކޮށްފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ މި އޮޕަރޭޝަންގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދެއް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން، 99 މީހަކު ބަލައިފާސްކޮށްފައިވާއިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ފޮނުވާލާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާއިރު، 6 އުޅަނދެއް ޓޯވްކޮށްފައިވާ ކަމަށާއި، ކަނޑުމަތީގެ ވައިލޭޝަންތަކުގައި ފަސް ފަރާތްތަކަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުން، ދަންވަރު ވަގުތުތަކުގައި އެެއްވެސް ބޭނުމެއް ނެތި މާލެތެރޭގައި އުޅޭ މީހުންނާއި ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުން ވެސް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.