އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސް އާއި އޭނާގެ ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފަ އެވެ.

މޭރީގެ ފިރިމީހާ ކަމަށްވާ މާވިންއަށް ދައުލަތުން ކުރީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ، 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ. އަދި ގާޒީ ނިންމަވާ ގޮތަކުން މުއްދަތު އިތުރުވުމަށް ވެސް ފުރުސަތު ބޮޑެވެ.

އޭގެ އިތުރުން މާވިންގެ ލޯބިވެރިޔާ ކަމަށްވާ ދިވެހި ނަރުސް ލަމްހާއަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ އިތުރުން، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންކަމުގައި ހުއްދަ ނުހޯދާކުށް ހިމެނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާގައި، އޭނާގެ ކޮޓަރިން ފެނުނު ސިޓީއުރައެއްގެ ތެރެއިން، އޭނާ މަސައްކަތް ކުރާ އައިޖީއެމްއެޗުން، ހުއްދަ އާއި ނުލައި ނެގުން މަނާ ގިނަ އިންޖެކްޝަންތަަކާއި، ބޭސްތަކެއް ފެނިފައިވެ އެވެ. މައުލޫމާތު ލިބޭގޮތުގައި އެ އިންޖެކްޝަންތަކަކީ ހޮސްޕިޓަލުގައި އެކަނި ބޭނުންކުރުމަށް ދޫކުރެވޭ އިންޖެކްޝަންތަކެކެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.