މަޝްހޫރު މިއުޒިކް އާޓިސްޓު ކާންޔޭ ވެސްޓް ވެސް ލޯބިވެރިއަކު ހޯދައިފި އެވެ.

ކާންޔޭ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އަންހެނުން ކިމް ކާޑޭޝިއަން އާ ވަކިވާން ޖެހުނީ، ކިމް އަށް ކާންޔޭ ބޭވަފާތެރިވިކަން ހާމަވުމުންނެވެ. އެ މައްސަލައިގައި ކިމް ވަނީ ކާންޔޭއާ ވަކިވާން ވެސް ފައިލްކޮށްފަ އެވެ.

އެއަށްފަހު ކިމް، ޕީޓް ޑޭވިޑްސަން ނަމަކަށް ކިޔުނު އެމެރިކާގެ ކޮމެޑިއަންއަކާއި ލޯބީގެ ގޮތުން ގުޅުނު ހަބަރުތައް ދިޔައީ އާންމުވަމުންނެވެ.

އެހެންނަމަވެސް ކާންޔޭ ދިޔައީ އެދެ މީހުންގެ ގުޅުން ގޯސްކޮށް، ކިމް އަލުން ހޯދުމަށް މަސައްކަތް ކުރަމުންކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

އެ މަސައްކަތް ގޯސްވެ ކިމް ހާސިލްނުވުމުން ކާންޔޭ ވެސް މިހާރު ވަނީ ލޯބިވެރިއަކު ހޯދާފަ އެވެ. ކާންޔޭ ލޯބީގެ ގޮތުން ގުޅުނީ، އެމެރިކާގެ ފިލްމީ ފަންނާނެއް ކަމަށްވާ ޖޫލިއާ ފޮކްސްއާ އެވެ.

ބައެއް ނޫސްތަކުން ބުނާގޮތުގައި ކާންޔޭއާ، ޖޫލިއާ އެންމެ ފުރަތަމަ އެކީ ފެނިފައި ވަނީ، މިއާމީ ހޮޓްސްޕޮޓް ކާބޯންގައި ކެއުމެއްގައި އިންދަ އެވެ. އޭގެ ފަހުން އައު އަހަރު ވެސް އެދެ މީހުން ހޭދަކޮށްފައި ވަނީ އެކީގައި ކަމަށް ނޫސްތަކުން ހަބަރުލިބެ އެވެ.