ކަސްރަތަށް ހިނގުން މިހާރު ރާއްޖޭގައި ވެސް އާންމެވެ. ކޮންމެ ދުވަހަކު ގަވާއިދުން ހިނގަންދާ މީހުން ވަރަށް ގިނަ އެވެ. މިގޮތަށް ހިނގަން ދާ މީހުންނަށް ނޭނގި ނަމަވެސް ހެދޭ ގޯސްތަކެއް ހުރެ އެވެ. މިފަދަ ގޯސްތަކުގެ ސަބަބުން، ހިނގުމުގެ ފައިދާ އަރާމު ނުލިބި ހަށިގަނޑުގައި ވޭން އަޅާ ގޮތްވެ އެވެ. ބައެއް ފަހަރަށް އެކި ކަހަލަ ތަދު އަރައި މަސްގަނޑަށް އަނިޔާވާ ގޮތް ވެސް ވެ އެވެ. މި ހިމަނާލަނީ ފިޓްނަސް އަށް ހިނގާއިރު ހެދޭ ބައެއް ގޯސްތަކާއި އެކަންކަން ރަނގަޅު ކުރަން ކުރެވިދާނެ ބައެއް ކަންކަމެވެ.

ގޯސް ބޫޓަކަށް އެރުން

ތަދާ ނުލައި ހިނގަން ބޭނުން ނަމަ ރަނގަޅު ކޮލިޓީއެއްގެ ބޫޓަކަށް އެރުން މުހިންމެވެ. ހިނގަން ހޯދަން ވާނީ ފަޔަށް ފިޓު، ރަނގަޅު ކޮލިޓީއެއްގެ އެތުލެޓިކް ބޫޓެކެވެ. ރަނގަޅު ސައިޒު ގަންނަން ސަމާލުކަން ދޭށެވެ. ބޫޓަށް އަރައިގެން ހުންނަ އިރު ބޮޑުވައި އިނގިލި ފިތޭ ގޮތްވެ ނުވަތަ އިނގިލީގެ ކޮޅުގައި ރިއްސާ ގޮތްވާ ނަމަ ބޫޓު މާ ކުޑަ އެވެ.ކޮލިޓީ ރަނގަޅު ހެޔޮވަރު ބޫޓަކަސް، އަރައިގެން ހުންނައިރު ރަނގަޅު ސަޕޯޓެއް ނުލިބޭ ނަމަ ބޫޓު ކަމުނުދަނީ އެވެ. ފައިތިލައިގެ ބައްޓަން ހުންނަ ގޮތަކުން ވެސް އެހެން ދިމާވެދާނެ އެވެ. އެކަހަލަ މީހުންނަށް ތަންކޮޅެއް ބޮޑަށް ކުޝަން ކޮށްފައި ހުންނަ ބޫޓު ރަނގަޅުވާނެ އެވެ.

އަތް މާބޮޑަށް ހޫރުން ނުވަތަ މާ ކުޑަކޮށް ހޫރުން

މި ދެގޮތް ވެސް ގޯހެވެ. ހިނގާއިރު އަތް ހެއްލަން ވާނީ އަތުގެ ހަރަކާތުގެ ސަބަބުން ހަށިގަނޑުގެ ހަރަކާތަށް ބަދަލު ނާންނަ ވަރަށެވެ. ފައި ނަގާފައި އަޅާއިރު ފައިގެ ހަރަކާތާއެކު އަތުގެ ހަރަކާތް ގުދުރަތީ ގޮތުން އަންނާނެ އެވެ. ހިނގުން ބާރުވާ ވަރަކަށް އަތުގެ ހަރަކާތް ވެސް ބާރުވާނެ އެވެ. އެހެންވީމާ އަތުގެ ހަރަކާތަށް ބާރުކުރަން ވެސް، މަޑު ކުރަން ވެސް އިތުރު ހަކަތައެއް ދޭނެ ކަމެއް ނެތެވެ.

ކަނދުރާ އާއި ކޮނޑުހުޅަށް ވާންކުރުން

ހިނގާއިރު މީހާ ހުންނަންވާނީ ވަރަށް ހަމަޖެހިފަ އެވެ. ކޮނޑުން ވަރު ދޫކޮށްލާށެވެ. ކޮނޑާއި ކަނދުރާގައި ޓެންޝަން ހުންނަ ނަމަ ވިއްސަކަށް މިނިޓް ހިނގޭއިރު މީހާ ވަރުބަލިވެދާނެ އެވެ. އެހެންވީމަ ކޮންމެ 10 މިނިޓަކުން ކޮނޑުން ވަރު ދޫކޮށްލެވިފައި ހުރިތޯ ޗެކު ކޮށްލާށެވެ. އަތް ހެއްލެނީ ރަނގަޅަށްތޯ ބަލައިލާށެވެ. ކަނދުރާ ހުންނަންވާނީ ތެދަށެވެ. އެކަމަކު ތެދަށް ބަހައްޓަން ބާރު ނާޅާށެވެ. މައިބަދަ ތެދުކޮށްލުމުން ގުދުރަތީގޮތުން ކަނދުރާ ވެސް ތެދުވާނެ އެވެ. އެވަރަށް ހުރުމުން ރަނގަޅުވާނެ އެވެ.

ދުރު ފިޔަވަޅު އެޅުން

ހިނގާއިރު ދުރަށް، ބޮޑެތި ފިޔަވަޅު އަޅާ މީހުން އުލެއެވެ. އެއީ ގޯހެކެވެ. ހިނގާއިރު ފިޔަވަޅު ނަގަންވާނީ މީހާގެ ބުޑުގެ ހަރަކާތަށް ބަދަލު ނާންނަ ވަރަށެވެ. ބޮޑެތި ފިޔަވަޅު ނެގުމުން ވާނެގޮތަކީ މީހާ އޮފް-ބެލެންސް ވުމެވެ. އެހެންވީމަ ބޮޑު ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ކުރު، އެކަމަކު އަވަސް ފިޔަވަޅު އެޅޭތޯ ބަލާށެވެ.

ތަދާ އެކު ހިނގުން

ވަކި ތަނެއްގައި މާބޮޑަށް ރިއްސާއިރު ޑޮކްޓަރުގެ ލަފާ ނެތި އެއްވެސް ކަހަލަ ކަސްރަތެއް ގަވާއިދުން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވީމަ، ފައިތިލައިގައި ވިޔަސް، ކަކުލުގައި ވިޔަސް، އުނަގަނޑުގައި ވިޔަސް، ކުޑަ ހުޅުގައި ވިޔަސް ރިއްސާނަމަ ޑޮކްޓަރަށް ދައްކާށެވެ. ހިނގާއިރު އާދަޔާހިލާފަށް އުނދަގޫވެ، ހިނގަން އުނދަގޫވާނަމަ ވެސް ޑޮކްޓަރަށް ދައްކާށެވެ.

ފެން ނުބުއިން

މިއީ އެންމެ ގިނަ މީހުން ހަނދާން ނެތޭ ކަންތަކެވެ. ރާއްޖެ ކަހަލަ ގައުމެއްގައި ކޮންމެ 30 މިނިޓަކުން ފެން ބޯން ވާނެ އެވެ. ހިނގަން ނިކުމެ އުޅޭއިރު ކުރު ބްރޭކެއް ނަގާލާފައި ކަރުތެރެ ތެމޭވަރަށް އެތިއެތި ފޮދުން ފެން ބުއިމުން މީހާ ޑިހައިޑްރޭޓްވުން ކުޑަކޮށްދޭނެ އެވެ.