އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި މާވިން އެސް.ވައި ވާގަސްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މާވިންގެ ބަންދު އިތުރުކޮށްފައި ވަނީ 10 ދުވަހަށެވެ. އަދި ދެން އޭނާ ހާޒިރުކުރެވޭނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީގެ ކުރިމައްޗަށް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

މޭރީގެ ފިރިމީހާ ކަމަށްވާ މާވިންއަށް ދައުލަތުން ދައުވާ އުފުލާއިވާއިރު، އޭނާގެ މައްޗަށް ކުރީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ، 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރާނެ އެވެ. އެހެން ނަމަވެސް ގާޒީ ނިންމަވާ ގޮތަކުން މުއްދަތު އިތުރުވުމަށް ވެސް ފުރުސަތު ބޮޑެވެ.

އޭގެ އިތުރުން މާވިންގެ ލޯބިވެރިޔާ ކަމަށްވާ ދިވެހި ނަރުސް ލަމްހާއަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ އިތުރުން، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންކަމުގައި ހުއްދަ ނުހޯދާ ކުށް ހިމެނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާގައި، އޭނާގެ ކޮޓަރިން ފެނުނު ސިޓީއުރައެއްގެ ތެރެއިން، އޭނާ މަސައްކަތް ކުރާ އައިޖީއެމްއެޗުން، ހުއްދަ އާއި ނުލައި ނެގުން މަނާ ގިނަ އިންޖެކްޝަންތަަކާއި، ބޭސްތަކެއް ފެނިފައިވެ އެވެ. މައުލޫމާތު ލިބޭގޮތުގައި އެ އިންޖެކްޝަންތަކަކީ ހޮސްޕިޓަލުގައި އެކަނި ބޭނުންކުރުމަށް ދޫކުރެވޭ އިންޖެކްޝަންތަކެކެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.