ކޯޕަންހޭގަން (11 ޖެނުއަރީ) - ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އެގައުމުގެ ކުރީގެ ފޮރިން އިންޓެލިޖެންސް ޗީފް ލާސް ފިންޑްސެން ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފޮރިން އިންޓަލިޖަންސްގައި ކުރިން މަސައްކަތް ކުރި ނުވަތަ މިހާރުވެސް ކުރަމުން އަންނަ ހަތަރު ފަރާތެއް ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މިހާރު ދޫކޮށްލާފަ އެވެ.

ކޯޓު މަރުހަލާގައި ތުހުމަތުތަކަށް ލާސް އިންކާރު ކުރި ނަމަވެސް އެގައުމުގެ މީޑިއާތަކަށް އޭނާ ސިއްރު މައުލޫމާތު ފޯރު ކޮށްދިން ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނީ ސިއްރިއްޔާތުގައި ކަމަށް ވުމުން އެންމެ ސީދާ ތަފްސީލުތައް ނޭނގޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

"އަހަރެންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް. އެ ހުރިހާ ތުހުމަތުތަކަކުން ބަރީއަ ވަން" ހޯމަ ދުވަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ލާސް ބުންޏެވެ.

އޭނާ ވަނީ އެ ހާލަތަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސަރުކާރަށާއި ތަހުގީގީ އިދާރާތަކަށް ފާޑު ކިޔާފަ އެވެ. -- ސްކައި ނިއުސް