އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ. މާރޮއްޓަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް ޔާމީން ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ، ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި އެދާއިރާގައި ހިމެނޭ މަރޮއްޓަށް ވަޑައިގަތުމުން އެރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވައިފަ އެވެ.

އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ، ކޮމަންޑޫގައި ހިންގާ ތަފާތު އެކި މަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބިން ހިއްކައި، އެސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ނިންމެވިކަން ރައީސް ޔާމީން ފާހަގަކުރައްވާފައިވެ އެވެ. އަދި 2023ގެ އިންތިހާބަށްފަހު، އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީ އާދަމަކީ، އެ މަގާމަށް އެންމެ ގާބިލު، މަސްއޫލިއްޔަތު އަދާކުރެވޭނެ ބޭފުޅެއް ކަމަށެވެ. އަދި ގައުމުގެ ދިފާއުގައި ވަކާލާތުކުރާނެ ބޭފުޅުންގެ ތެރޭގައި ފަތުހީ ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.