މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 9:30 ގަ އެވެ. އަދި މިއަދުގެ ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ގަޑިއަކު 20 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދ އެ ސަރަހައްދުތަކަށް ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.

އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.