ކ. މާފުށީ ޖަލުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވާން ފަށައިފި އެވެ.

ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނައީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކަރެކްޝަނުން ބުނިގޮތުގައި މާފުށި ޖަލުން 36 ގައިދީއަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މަސައްކަތް ކުރާ ފަސް އޮފިސަރަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.

ނަމަވެސް އެ އިދާރާއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މާފުށި ޖަލުން މިއަދު ޕޮޒިޓިވްވި ގައިދީންގެ އަދަދު ވަނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ދެގުނައާ ގާތްކޮށްފަ އެވެ.

ކަރެކްޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މާފުށި ޖަލުން ފަސް އޮފިސަރަކާއި، 63 ގައިދީއަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 419 ގައިދީއަކު ފާހަގަކޮށްފައިވާ ކަމަށާއި، އެ މީހުން މިހާރު ތިބީ އެކަހެރި ކޮށްފައި ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އެއާއެކު، އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމާއި ކޯޓުގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދަނީ، އޮމިކްރޯންގެ ސަބަބުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.