ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހައިޝަމާއި ޒިހާންގެ މައްޗަށް ދައުވާ ސާބިތުވި އިރު ބާކީ ހަތަރު މީހުން ވަނީ ދައުވާއިން ސަލާމަތްވެފަ އެވެ.

ދައުވާ ލިބޭ އިސްމާއީލް ރަޝީދަކީ ހަމަލާދިން މީހުންނާއެކު އެގެ ކައިރިއަށް ގޮސް އެގޭގެ ބޭރުގައި މަޑުކޮށްގެން ހުރި މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން މި މައްސަލައިގެ ހުކުމް އިއްވުން އޮތީ މިދިޔަ މަހު އެވެ. އެހެން ނަމަވެސް އާއިލާއިން އެދިގެން މި ހުކުމް އޭރު ވަނީ ފަސް ކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން ކުރާ ދައުވާތައް ދެ މީހުންގެ މައްޗަށް ސާބިތުވެ، އަދި ޔާމީންގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ ކުށް ސާބިތުވާ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ. އެހެން ނަމަވެސް އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ހާލަތެއްގައި އެ މީހުން އުމުރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓިއުލާ ގޭ ސިޑި ކައިރިގަ އެވެ. އޭނާގެ ގައިގެ 30 ތަނަކަށް ތޫނު އެތައް އެއްޗަކުން ހަމަލާދީފައިވެ އެވެ.