ކުރީގެ ސަރުކާރުން ސައުދީގެ ހިލޭ އެހީގައި މާލޭގައި ތަރައްގީ ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިގޮތަށް ނިންމާފައިވަނީ ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަތުމުންނެވެ.

މިނިސްޓަރު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ސަލްމާން މިސްކިތް ހުޅުވުމަށް 1.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް އެތަކެއް ތާރީހުތަކެއް ސަރުކާރުން ދީފައިވީނަމަވެސް މިހާތަނަށް އައިރު ސަލްމާން މިސްކިތް ހުޅުވިފައިނުވެ އެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫއު އެވެ.