ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް އަދަދު އަނެއްކާ ވެސް 2،000 މައްޗަށް ގޮސްފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،484 މީހުންނެވެ. މީގެ ތެރޭގައި މާލެއިން 1268 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 728 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 81 މީހުން، ސަފާރީއަކުން ތިން މީހުން މިއަދު ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 117،461 އަށް އަރާފަ އެވެ.

އަލަށް ކޮވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ.

މިވަގުތު 14،636 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 47 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މި ބަލީގައި 270 މީހަކު ވަނީ ނިޔާވެފަ އެވެ. މިއީ މިފަދަ ބަލިމަޑުކަމެއްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ފަހަރު އެވެ.

އެޗްޕީއޭއިން ވަނީ ވަގުތުން ކޮވިޑް ނަތީޖާ ލިބޭ ޓެސްޓް ހެދުމަށް ފަށާފަ އެވެ. އަދި މީގެ އިތުރުން ޕީސީއާރު ޓެސްޓް ހެދުމަށް އިތުރު ސެންޓަރެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ.