ސ. ހިތަދޫ ކޮމާޝަލް ޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ނިންމާފައިވަނީ ކުރިން ދެމުންދިޔަ ބައެއް އެލަވަންސްތައް ކަނޑާލުމަށްފަހު ކަން ހާމަވެއްޖެ އެވެ.

ހިތަދޫ ޕޯޓްސްގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ދެމުން އައި ރިސްކު އެލަވެންސްއާއި، ރިސްކު އެންޑް ހާޑްޝިޕް އެލަވެންސް ކަނޑާލާފައިވާ ކަމަށެވެ. އަދި އެ އެލަވެންސްތައް ކަނޑާލުމަށްފަހު މިނިމަމް ވޭޖުގެ ގޮތުގައި 3،900 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ މެމޯގައިވެ އެވެ.

މިގޮތަށް ހިތަދޫ ޕޯސްޓްއިން ނިމުމާއި ގުޅިގެން އެތަނުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުވައްޒަފުން ބުނާގޮތުގައި ކުރިން ދެމުން އައި އެލަވަންސްތަކަކީ ވެސް 3،900 ކަމަށާއި، އެ ކަނޑާލުމަށްފަހު މިނިމަމްވޭޖަށް އެ އަދަދަށް ދޭން ނިންމުމުން މުވައްޒަފުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.

ހިތަދޫ ޕޯޓަކީ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކޮށްފައިވާކަމުގެ ކަންބޮޑުވުން ވެސް މުވައްޒަފުން ފާޅުކުރި އެވެ. އެއީ މެދުފަންތީގެ ވިޔަފާރިއެއްކަމަށް އެ މުވައްޒަފުން ގަބޫލުނުކުރެ އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 4،500 ރުފިޔާ އެވެ.

މިމަހުން ފެށިގެން މިނިމަމް ވޭޖް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިނިމަމް ވޭޖު ދޭން ފަށާފައިވާއިރު ސިވިލް ސާވިސް މުވައްޒަފުންނަށްވެސް މިނިމަމް ވޭޖު ދެނީ އެލަވެންސްއެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުން މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ނަމެއްގައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.