ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބަދަލު ގެނެސްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު އިތުރަށް ގޯސްވަމުން ދިޔުމާ ގުޅިގެން އެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ދެ ބަޔަކަށް ބެހުމަށް ފަހުގައި ކޮންމެ ހަފުތާއަކު ވެސް ވަކި ގުރޫޕަކުން މަސައްކަތް ކުރާ ގޮތަށް އެ އޮފީހުގެ މަސައްކަތްތައް ތަރުތީބުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ، ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ވެސް ބަދަލު ގެނެސްފީމެވެ. މުވައްޒަފުން ދެބަޔަކަށް ބަހައި، ހަފްތާއަކު ގްރޫޕަކުން މަސައްކަތް ކުރާނެ އެވެ. ޚިދުމަތްތައް ކުޑަކޮށް ލަސްވެދާނެ އެވެ. އެންމެ ފުރަތަމަ ކަމަކީ ސިއްހަތެވެ. އެއަށްފަހު ވަޒީފާ އެވެ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު، ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 2000 މަތީގައި އެވެ. އަދި ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި އެޑްމިންޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ޕޮޒިޓިވްވާ މީހުން ގިނަވަމުންދާއިރު، ހަލުވިކަމާއެކު ފެތުރޭ ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ވެސް ރާއްޖެއިން ވަނީ ފެނިފަ އެވެ.