ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ 2020 ވަނަ އަހަރުގަ އެވެ. އެއަށްފަހު މިހާލަތު އެންމެ ފަހުން އިތުރުކުރި މުއްދަތު ވަނީ އިއްޔެ ހަމަވެފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މިއީ 23 ވަނަ ފަހަރެވެ. އަދި މި މުއްދަތު ވަނީ އަންނަ މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ލަފާގެ މަތިން ހެލްތު މިނިސްޓްރީން މި މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި އަދިވެސް ކޮވިޑް ފެނި، ހަލުވިކަމާއިއެކު ފެތުރެމުންދިއުމާ ގުޅިގެން ކޮވިޑް ކޮންޓްރޯލްކުމަށްޓަކައި އެޅުމަށް އެންމެ އެކަށީގެންވާ ފިޔަވަޅެއްގެ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ފެންނާތީކަމަށް މިނިސްޓްރީން ނެރުނު ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ތައުލީމުދޭ މަރުކަޒުތައް ބަންދުކޮށް، ވަކި ތަނަކަށް ވަކި ވަގުތެއްގައި މީހުން އެއްވެ އުޅުން މަނާކުރުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތައް މަނާކުރުމުގެ އިތުރުން ސަބަބު ބަޔާންކޮށް، މީހެއްގެ އިމާރާތެއް ކަރަންޓީނު ކުރުމަށް މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކޮވިޑްގެ އައު ވޭރިއެންޓް ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، މިހާތަނަށް 125،590 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭގެތެރޭގައި 108،632 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 57 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.