މާލެގެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅިވީ މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން، ހުޅުމާލެއާއި، ގުޅީ ފަޅުންނާއި، ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސް އިބުރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމުގައި މާލޭގެ ރަށްޔިތުންނަށް އޮތް ދައްޗާއި ތަކުލީފް ވަނީ އޭގެ ނިހާޔަތުގައި ކަމަށެވެ. އަދި މާލޭގެ ސަރަހައްދުގެ ބޯހިޔާވަހި ކަމާއި ގުޅޭގޮތުން ކުރެވުނު ކަންތައްތަކަށްވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހުސާސް އަބަދުވެސް ކުރެއްވޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"މިދިޔަ އަހަރު މިތާ ހުރެ ދެންނެވި ފަސް ހާސް ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށްދާ ވާހަކަ. އަދި އިތުރު ދެ ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ. އަދި މީގެ އިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ވެސް އަޅުގަނޑު ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން އެކަނި ވެސް މަދު ވެގެން 4،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ގުޅީފަޅު ހިއްކައިގެން ވެސް މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެއިން 15،000 ފްލެޓު އަދި ގުޅީފަޅުން 25،000 ފްލެޓު ދެވެން އެބައޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މާލޭ ރަށްވެހިންނަށް ހައްގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްކަ ހާސް ފްލެޓެއްނޫން. ހުޅުމާލެއިން މަދުވެގެން ހަތަރު ހާސް ގޯތި ދެވެން އެބައޮތް. ގުޅިފަޅު ހިއްކައިގެން މަދުވެގެން ދިހަ ހާސް ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން ފަނަރަ ހާސް ފްލެޓް، ގުޅިފަޅުން ފަންސަވީސް ހާސް ފްލެޓް ދެވެން އެބައޮތް،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
މާލޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ވައުދެކެވެ.
އެ ވައުދު ފުއްދުމަށް 25،000 ފްލެޓް އަޅުއްވާ މާލޭ ރައްވެހިންނަށް ގޯތި ދެއްވާނެ ކަން ވެސް އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އިއުލާން ކުރެއްވެވި އެވެ. ނަމަވެސް މާލޭ ރައްވެހިންނަށް ގޯތި ދިނުން ލަސްވަމުން ދާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
ތީ ޕީޕީއެމް އައް ގޮސް ހުސް ވެފަ އޮތް ނޫސް މަޖައްލާއެއް. ޗައިނާ އައުޓް.