މިހާތަނަށް 41 އެމްބިއުލާންސެއް ރަށްރަށަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް، ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ވިދާޅުވީ، ރާއްޖޭގައި ލާމަރުކަޒީ އުސޫލުން، ޕްރައިމަރީ ހެލްތްކެއާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.

އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެމްބިއުލާންސް ބޭނުންވާ 41 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

އެމްބިއުލާންސް ނުފޯރުކޮށްދެވި ހުރި ރަށްތަކަށް ޒަމާނީ އެމްބިއުލާންސްތައް އަންނަ މާޗު މަހު ފޮނުވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތަކަށްވާއިރު، ބަލި މީހުން ބަރޯއާއި ގާޑިޔަލުގައި އުފުލާ މަންޒަރުތައް އާންމުވެ، ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.