ޕީޕީއެމް އިން އިސް ނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތެއް ބާއްވަން އެޕާޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް "ހުރިހާ" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ ރ. މީދޫގައި ކަމަށެވެ. އަދި މެންދުރު ފަހު 3:45 ގައި މި ހަރަކާތް ފަށައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި ހަރާކާތަށް އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މެމްބަރު މުހައްމަދު ވިދާޅުވި އެވެ. ހަމައެހެންމެ މި ހަރަކާތުގައި ރ. އަތޮޅުގެ ގިނަ ރަށްރަށުން މީހުން ބައިވާނެކަމަށާއި، އިވެންޓު ބާއްވާނީ މަދުވެގެން 3،500 މީހުންނާއި އެކުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން އަޑުއުފުލައި ހަރަކާތްތައް ބާއްވަމުން ގެންދާއިރު، މިފަދަ ހަރަކާތްތަކަކީ ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަންކަން ކަމަށް ނިންމައި ރައްޔިތުން މަޖިލީހުނގެ 241 ކޮމިޓީން ދަނީ މައްސަލަ ބަލަމުންނެވެ.

ނަމަވެސް ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭން އިތުރަށް ވަރުގަދަކޮށް ކުރިއަށްގެންދަމުންނެވެ.