ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް މަގުފަހިކޮށްދެނީ ޣައްދާރުން ކަމަށާއި، އެ ޣައްދާރުން ޖަވާބުދާރީ ކުރުވާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު ރ. މީދޫގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވެރިކަމާ ހަވާލުވެހުރި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ ފަރާތުން ބަސް ބުނަން ތިއްބެވި ބޭފުޅުން ހަނު ހުންނަވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ އެކަމަށްވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

"ﷲ އިރާދަ ކުރެއްވިއްޔާ ޣައްދާރުން ޖަވާބުދާރީ ކުރުވާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޒަމާނުއްސުރެން ފެށިގެން އެކި ގައުމުތަކުގެ އިންޓެލިޖެންސް މައުލޫމާތު ރާއްޖެއިން ހޯދަމުންދިޔަ ކަމަށެވެ. އެކަމަކު މިހާރު ރާއްޖެއިން ބަރޯސާވަނީ އިންޑިއާގެ ޖާސޫސީ އިދާރާތަކުން ހޯދާ އިންޓެލިޖެންސް މައުލޫމާތަށް އެކަނި ކަމަށާއި އެކަން ދޮގުކުރަން ސަރުކާރަށް ނުކުރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާގެ ސަލާމަތީ ބާރުގެ ދެ ބާރު ވެސް މި ބަރޯސާ ވަނީ އިންޑިއާގެ އިންޓެލިޖެންސަށް. ދެން ކޯއްޗެއްތޯ ދިވެހި ސަރުކާރަށް މިނިވަންކަމާ އެކު ލިބޭނީ. ކޮން މައުލޫމާތެއްތޯ ލިބޭނީ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ ކަނޑުތައް ހުރަސްކޮށް، އަޅުގަނޑުމެންނާ ހަމައަށް އަންނައިރު ކޮން ސައްހަ މައުލޫމާތެއްތޯ ލިބޭނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުރި ބޮމްބޭ މާލޭ ލިންކް ޓަވަރު އުވާލުމަށްފަހު ދިވެހި ކުންފުނިތަކުން މުއާސަލާތީ ކަންކަން ބަލަހައްޓަމުން ދިޔައިރު ރާއްޖޭގެ އެއްވެސް ސިއްރު މައުލޫމާތެއް އެހެން ގައުމަކަށް ނުލިބޭ ކަމަށެވެ. އަދި އިންޓެލިޖެންސް މައުލޫމާތު ހޯދުމުގައި ވެސް އެއްވެސް ގައުމަކަށް އެކަނި ބަރޯސާވެގެން މިހާތަނަށް ރާއްޖެއިން ނޯންނާނެ ކަމަށާއި އެކަމަކު މިއަދު އޮތީ އެންމެ ކުރީ ޒަމާނުގައި އޮތް ގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ފައިސާ ދައުރުކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވީ އިންޑިއާގެ ޖާސޫސީ އިދާރާގެ މައުލޫމާތަށް އެކަނި ބަރޯސާވުމުން ލިބޭ މައުލޫމާތުތައް ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނަން ސީޕީ ހަމީދަށް. އިންޑިއާއިން އިންޓެލިޖެންސް ހޯއްދަވަން ޖެހުނީމަ ތި ބޭފުޅުންނަށް ލިބޭނީ ތި މައުލޫމާތޭ. އަމިއްލައަށް އިންޓެލިޖެންސް ހޯއްދަވައިފި ކަމަށް ވަންޏާ ތިއަށް ވުރެ ސައްހަ މައުލޫމާތު ލިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން ދިވެހި ސިފައިންގެ ބޭނުމަށް ކަމަށް ސަރުކާރުން ބުންޏަސް، އިންޑިއާ ސަރުކާރާ އެކު ހެދި އެއްބަސްވުން އޮތްގޮތުން އެތަނުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިންޑިއާ ސިފައިންނަށް ކަމަށެވެ. އެގޮތުން އެއްބަސްވުން އޮތްގޮތުން އުތުރު ތިލަފަޅު ތަރައްގީ ކުރުމާއި ހިންގުމުގެ ބާރު އޮތީ އިންޑިއާ ސިފައިންނަށް ކަމަށާއި އަދި ހަނގުރާމަ މަތީ އުޅަނދުތަކާއި ހަތިޔާރުތައް ގެންގުޅުމުގެ ފުރުސަތު ވެސް އިންޑިއާ ސިފައިންނަށް އެ އެއްބަސްވުމުގެ ދަށުން ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެގްރިމެންޓްގައި އޮންނަނީ އިމާރާތް ކޮށްފައި، މެނޭޖް ކޮށްފައި، އެޑްމިނިސްޓްރާ ކުރާނީ އިންޑިއާއިންނޭ. އަދި އިންޑިއާގެ އެއްވެސް އޮފިސަރަކަށް، ވަކި ރޭންކަކަށް އަދި އަދަދަކަށް ހުރަސް އެޅުމުގެ އެއްވެސް އިހްތިޔާރެއް ދިވެހި ރާއްޖެއަކަށް ނެތް،" ޔާމީން ވިދާޅުވި އެވެ.

މިއަދު ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމީހުން ތިބެނީ މަގާމާއި ލިބޭ ލާރިކޮޅުގެ ދިފާއުގައި ކަމަށެވެ. އަދި އެފަދަ މީހުން ރައްޔިތުންގެ ކުރިމައްޗަށް ގެންދަވާނެ ދުވަހެއް މާތްﷲ މިންވަރުކުރައްވާނެކަން އެމީހުންގެ ހިތަށް ނާރާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އިން އިސް ނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތް މީދޫގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް ޔާމީން ވަނީ މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް ގޮވާލާފަ އެވެ.