"ރާއްޖޭގެ ހުރިހާ ރައްޔިތުން ހަރު އަޑުން އެމްޑީޕީގެ ވެރިކަމެއް މިރާއްޖޭގައި އަބަދަށްމެ އޮތުމަށް ކުރިއަށް އޮތް ފަސް އަހަރަށް އަދި އިތުރު ފަސް އަހަރަށް ވެސް އޮތުމަށް އެ ގޮވަމުންދާ ގޮތުން އަޅުގަނޑުމެން ކަނުލާ އަޑުއަހަން ޖެހޭނެ،" މިއީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ވާހަކަފުޅެކެވެ.

ރާއްޖޭގެ ވެރިކަން ތާއަބަދު އެމްޑީޕީއަށް އޮންނަން ޖެހޭނެ ކަމަށާއި އެއީ ހުރިހާ ރައްޔިތުން ހަރު އަޑުން ގޮވާ ގޮވުން ކަމަށް ވިދާޅުވެ އެ ވާހަކަ ކަނުލާ އަޑުއެހުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ. ރައްޔިތުންގެ އެ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިގެންނެވީ ރިޔާސީ އިންތިޚާބު ރައްޔިތުންގެ 30 ޕަސެންޓުން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުމެވެ. އެކަމަށް ބޭނުންވާ ބަދަލު ގާނޫނު އަސާސީއަށް ގެނައުމެވެ.

ރާއްޖޭގެ ވެރިކަން އެކަކު މާ ގިނަ ދުވަހު ކުރުމަކީ މިއަދުގެ ދިވެހިން އެދޭ ގޮތެއް ނޫނެވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމުގައި މައުމޫނު އަބްދުލް ގައްޔޫމު 30 އަހަރު ހުންނެވި ހުންނެވުމާ ދެކޮޅަށް ރައްޔިތުން ނިކުތީ އެ ސަބަބާ ހުރެ އެވެ. އެ ހަރަކާތުގައި އިސް ރޯލެއް އަދާ ކުރެއްވުމުގެ ސަބަބުން ލިބި ވަޑައިގެންނެވި ތާއީދާއެކު 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރާއްޖޭގެ ވެރިކަމަށް ނަޝީދަށް ވަޑައިގެންނެވުނު ކަމުގައި ވިޔަސް އެމަނިކުފާނަށް އެ މަގާމުގައި މާގިނަ ދުވަހަކު ނުހުރެވުނެވެ.

އޭގެ ފަހުން އެމަނިކުފާނަށް ވެރިކަމާ ކައިރި ވެވޭ ގޮތެއް ނުވި ކަމުގައި ވިޔަސް ކޮންމެ ފަދަ ގޮތަކަށް ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް ހުއްޓަވައެއް ނުލައްވަ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި އެންމެ ފަސޭހަ ގޮތެއްކަމުގައި މިހާތަނަށް އެމަނިކުފާނަށް ފެނި ވަޑައިގެންނެވީ ބަރުލަމާނީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމެވެ. މަދު ބައެއްގެ ތާއީދާއެކު ޕާލަމެންޓްގެ ގޮނޑިއެއް ލިބިގެން ވެސް ބޮޑު ވަޒީރަކަށް ވެވިދާނެކަމުގެ ހުވަފެންފުޅުގައި އެކަމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަށް ހުރަހަކަށް ވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ނަޝީދު ކުރައްވާ މަސައްކަތްޕުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކި ގޮތް ގޮތުން ހުއްޓުވައިފަ އެވެ. މި މައްސަލައިގައި ރައީސާ އިދިކޮޅު ހަރަކާތެއް އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން ވެސް ނަޝީދަށް ކާމިޔާބު ވެވަޑައިނުގެންނެވުމުގެ ނަތީޖާއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމާއި އެއާއެކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުގެ ޕަސެންޓޭޖު ދަށް ކުރުމުގެ ޚިޔާލު އެމަނިކުފާނު ހުށަހެޅުއްވުމެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ހުވަފެން ކަމިޔާބު ކުރުމަށް ނިންމަވާ ރޭއްވެވުންތަކަށް މިފަހަރު ވެސް ރައީސް ސޯލިހުގެ އެއްބާރު ލެއްވުމެއް ލިބިވަޑައި ގަންނަވާނެ ކަމަކަށް ނުފެނެ އެވެ. ރައީސް ނަޝީދު އިންތިޒާމު ކުރެއްވި ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާ ބޮއިކަޓް ކުރައްވައި އަމިއްލަފުޅު ދަތުރެއްގައި ސިންގަޕޫރަށް އެމަނިކުފާނު ވަޑައިގެންނެވި ވަޑައިގެންނެވުމަކީ މީގެ ހެއްކެކެވެ.

ރިޔާސީ އިންތިޚާބު ކައިރި ވެގެން އަންނައިރު އެމްޑީޕީގެ ތެރޭގައި ވަނީ ވެރިކަމުގެ ކޯޅުން ދެގޮތަކަށް އުފެދިފަ އެވެ. އެއްގޮތަކީ ޕާޓީގެ ކެންޑިޑޭޓެއްގެ މައްސަލަ އެވެ. ދެވަނަ ގޮތަކީ ޕާޓީ އަށް ފަސޭހައިން ވެރިކަން ހޯދުމަށް ޕާޓީގެ ވިސްނުމާ އެކު ކުރިއަށް ދެވޭނެ ގޮތެއް ހޯދުމެވެ. އެމްޑީޕީން ކޮންމެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރުނަސް ފެންނަން އޮތް ހަގީގަތަކީ އެ ޕާޓީގެ ސިޔާސަތަށް ރާއްޖޭގެ އަޣުލަބިއަޔަތު ތާއީދު ނުކުރާނެ ކަމެވެ.

ކުރީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު.

ނިޒާމު ބަދަލު ކޮށްގެން ނަމަވެސް ނުވަތަ ވެރިކަމަށް އަންނަން އޮންނަ ޕަސެންޓޭޖުގެ ފޯމިއުލާ ބަދަލު ކޮށްގެން ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅު ވަނީ އެމަނިކުފާނަށް ވެރިކަން ލިބުމެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެތެރެއިން އާއި ބޭރު ދުނިޔޭގައި ވެސް އެމަނިކުފާނުގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ކުރިޔަށް އޮތީ މިފަދަ މައްސަލަތައް ތިލަވެގެން އަންނާނެ ދުވަސްވަރެވެ. ކޮންމެ ގޮތެއްވީ ކަމަށް ވިޔަސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ 30 ޕަސެންޓް ކަމަކަށް ނުވާނެ އެވެ.