ޗާގޯސް އަކިޕެލަގޯގެ އިސްތިގުލާލާ މެދު އިނގިރޭސިވިލާތާއެކު އުފެދިފައިވާ ދެބަސްވުމާ ގުޅިގެން މޮރިޝަސް އިން ރާއްޖެ ކައިރި ކަނޑުގެ ބޯޑަރު ސާވޭކޮށް، ސައިންޓިފިކް ހެކިތަކެއް ހޯދަން ޓީމެއް ފޮނުވައިފި އެވެ.

މި ސާވޭގެ ސަބަބުން ޗާގޯސް ޖަޒީރާތަކުގެ ކައިރީގައިވާ ސަރަހައްދެއްގައި ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ "އާރްއެފްއައި" ގައި ބުނެފައިވެ އެވެ.

މިމަހުގެ 8 ވަނަ ދުވަހު ސީޝެލްސްއިން ފުރި "ބްލޫ ޑި ނެއިމީސް" ބޯޓުގައި ސައިންސްވެރިންނާއި، ގާނޫނީ ވަކީލުންނާއި، ޗާގޯސްގައި ކުރިން އުޅުނު ފަސް މީހަކާއި، މޮރިޝަސްގެ އޮފިޝަލުންގެ ޓީމެއް ހިމެނެ އެވެ. މި ޓީމު ދެ ހަފްތާ ވަންދެން އެ ސަރަހައްދުގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވެ އެވެ.

އެ ޓީމު ސާވޭކުރަން ހަމަޖެހިފައި ވަނީ ޗާގޯސް އާކިޕެލަގޯގެ އަތޮޅެއްގެ ބައެއް ކަމަށްވާ ބްލެއިންހެމް ރީފް ސަރަހައްދެވެ.

"މޮރިޝަސްއަށް ނިސްބަތްވާ އިންޑިއާ ކަނޑުގެ އެ ބައިތަކަށް އަހަރެމެން ދާއިރު މިއީ ވަރަށް ހާއްސަ ދަތުރެއް،" މޮރިޝަސްގައި ހުންނަވާ އދ.ގެ ދާއިމީ މަންދޫބު ޖުގްދިޝް ކޫންޖޫލް "އާރްއެފްއައި" އަށް ވިދާޅުވެފައިވެ އެވެ.

"މިއީ ޗާގޯސް އާކިޕެލަގޯގެ އުތުރު އިރުމަތީ ބައި ސައިންޓިފިކް ހެކިތަކެއް ހޯދަން ދާ ޓީމެއް."

ރާއްޖެ މޮރިޝަސް ބޯޑު މައްސަލަ ހައްލުކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީއަށް ރާއްޖެއިން ހުށަހަޅާފައިވެ އެވެ. އެ ޓްރައިބިއުނަލްގެ ގެ މަސްއޫލިއްޔަތަކީ، މޮރިޝަސްއާއި ރާއްޖެއާ ދެމެދު ކަނޑުގެ ބޯޑަރުގެ މައްސަލައިގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމެވެ.

މި ދެބަސްވުން އުފެދިފައިވާ ސަރަހައްދަކީ އައްޑު އަތޮޅާއި ޑިއޭގޯ ގާސިއާ އާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއޭގޯ ގާސިއާ އައިލެންޑަކީ އައްޑު އަތޮޅާ ގާތްގަނޑަކަށް 310 ނޯޓިކަލް މޭލު ދުރުގައި އޮންނަ ރަށެކެވެ.

"މިއީ ތާރީހީ ދަތުރެއް. ސަބަބަކީ މިއީ އަޅުގަނޑުމެންގެ މިނިވަންކަމަށް ފަހު ޗާގޯސް އާކިޕެލަގޯގެ މައްޗަށް އިސްތިއުމާރީ ހައްގުތައް ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ސަރަހައްދުގެ ބަޔަކު އެ ސަރަހައްދަށް ދަތުރެއް ކުރާ ފުރަތަމަ ފަހަރު،" މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތު ވިދާޅުވި އެވެ.

ޖަގްނައުތު އިތުރަށް ވިދާޅުވީ ލަންޑަނާއި ވޮޝިންޓަނުން ވެސް އިހުތިރާމެއްގެ ގޮތުން މައުލޫމާތު ދީފައިވާ ކަމަށާއި މިޝަން އިން އެ ސަރަހައްދުގައި ދިރާސާތައް ކުރާނެ ކަމަށާއި ނަމަވެސް ޑިއޭގޯ ގާސިއާ އާ ކައިރި ނުވާނެ ކަމަށެވެ.

މި އެކްސްޕެޑިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ކޯންޖޫލް ބުނީ ޗާގޯސިއަންސްއަކީ ސާވޭ ކުރަމުންދާ ސަރަހައްދުގެ މީހުން ކަމަށާއި އެ މީހުން "ބްލެއިންހެމް ރީފް" އާއި ވަށައިގެންވާ ސަރަހައްދުތަކުގައި މައިންބަފައިންނާއި އެ މީހުން މަސްވެރިކަން ކުރީ ކޮން ތަނެއްގައިތޯ ބެލުމަށް އެހީތެރިވެދޭނެ" ކަމަށެވެ.

ޖަގްނައުތު ވިދާޅުވީ މި އެކްސްޕެޑިޝަން އެނބުރި އަންނަން ޖެހޭނީ މިމަހުގެ 22 ހާތަނުގައި ކަމަށެވެ.

ބޮޑު ވަޒީރު ވިދާޅުވީ، އެ ޓީމު ސީޝެލްސްއިން ފުރައިގެން ދާން ޖެހުނީ، ރާއްޖެއިން އެކަމަށް ހުއްދަ ނުދިނުމުން ކަމަށެވެ. އަދި ރާއްޖޭގެ ބަނދަރަކުން ފުރުމުގެ ފުރުސަތު ދޭން ނިންމީ، "ވަކި ގައުމެއްގެ ޕްރެޝަރުގައި" ގަބޫލުނުކުރެވޭނެ ވަރަށް ގިނަ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކަމަށް ވެސް ޖަގްނައުތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރާއްޖެއިން ފުރައިގެން ދެވޭ ގޮތަށް ހަމަޖެހުނު ނަމަ އެކްސްޕެޑިޝަން ޓައިމް ދެބައިކުޅަ އެއްބަޔަށް ކުޑަވީހެވެ.

ޗާގޯސް އާކިޕެލަގޯގެ މައްސަލާގައި މޮރިޝަސްގެ ސިޔާދަތީ ބާރުތައް ރާއްޖެއިން އަދިވެސް ރަސްމީކޮށް ބަލައިނުގަނެ އެވެ.

އދ. ގައި، 2017 ވަނަ އަހަރު އަދި އޭގެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްއިން ޗާގޯސްއަށް ކުރި ދައުވާތަކާ ދެކޮޅަށް ވޯޓުދިން ހަ ގައުމުގެ ތެރޭގައި ވެސް ހިމެނެ އެވެ.

2019 ވަނަ އަހަރުގެ މެއި މަހު އދ.ގެ އާންމު މަޖިލީހުން ވަނީ، ޗާގޯސް އާކިޕެލަގޯއިން އިނގިރޭސިވިލާތް "އިސްތިއުމާރީ އިދާރީ ހިންގުން" ވަކިކުރުމަށް ހަ މަސް ދުވަހުގެ ތެރޭގައި ފޭބުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އދގެ އާންމު މަޖިލީހާއި، ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްއިން ނިންމި ނިންމުންތައް އިނގިރޭސިވިލާތުން ގަބޫލެއް ނުކުރެ އެވެ.

އޭގެ ފަހުން ޗާގޯސް އާކިޕެލަގޯ އާއި ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) ގައި 2019 ވަނަ އަހަރު މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ދައުވާކުރި އެވެ.

ޗާގޯސް އާކިޕެލަގޯގެ މައްޗަށް އޮތް ސިޔާދަތީ މައްސަލަ އަނެއްކާ ވެސް ފެންމަތިވީ، ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދުގެ ފުށުއެރުންތައް އެއްގަލަކަށް އަރުވަން ޗާގޯސް އާކިޕެލަގޯއަކީ މޮރިޝަސްއަށް ނިސްބަތްވާ، އިނގިރޭސިވިލާތަށް ނިސްބަތްވާ ތަނެއް ނޫން ކަމަށް ނިންމުމުންނެވެ.

ރާއްޖެއިން ވަނީ މި މައްސަލަ އަޑުއެހުމަށް އައިޓީއެލްއޯއެސްގެ އިހްތިސޯސް އާއި އަދުލުވެރިކަން ބަލައިދިނުމަށް އެދި ހުށަހަޅައިފަ އެވެ. އެކަމަކު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އައިޓީއެލްއޯއެސްގެ ސްޕެޝަލް ޗެމްބަރަކުން ވަނީ ރާއްޖެއިން ހުށަހެޅި ފަސް ނުކުތާގެ ދައުވާ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެކޮޅު ކަނޑުގެ ބޯޑަރުގެ މައްސަލައަކީ 2010 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މައްސަލައެކެވެ.

ސްޕެޝަލް ޗެމްބަ އިން ފާހަގަކޮށްފައިވާ ގޮތުގައި މޮރިޝަސްއިން އެކި ފަހަރުމަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ކޮންޓިނެންޓަލް ޝެލްފްތައް ކަނޑައެޅުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް މަސައްކަތްކުރި ނަމަވެސް ރާއްޖެއިން "ގިނަ ފަހަރަށް މޮރިޝަސްއާއެކު މަޝްވަރާކުރުމަށް ދެކޮޅު ހެދި" ކަމަށެވެ.

ސައިންޓިފިކް ސާވޭގެ ހޯދުންތައް ވެގެންދާނީ މި ދެބަސްވުމުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއަށް ދޭ ޖަވާބުގެ ބަޔަކަށެވެ. އަދި އެ ހުށަހެޅުން އަންނަ އޭޕްރިލް 14 ގެ ކުރިން ޓްރައިބިއުނަލަށް ހުށަހަޅަން ޖެހެ އެވެ.