އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަވެރި ނަތީޖާތަކަކަށް ފަހު ރިޕަބްލިކަން ކެންޑިޑޭޓް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގަތީ 28 އަހަރު ފަހުން އެއް ދައުރު ވެރިކަން ކުރެއްވުމަށް ފަހު ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ އެމެރިކާގެ ފުރަތަމަ ރައީސަށެވެ. ދެވަނަ ދައުރެއް އެންމެ ފަހުން ކާމިޔާބު ނުކުރެއްވުނީ 1992 ވަނަ އަހަރު ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްއަށެވެ.
ޓްރަމްޕަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެ ވަޑައިގަތް ދުވަހު އޭނާ އުޅުއްވި ގޮތް ބީބީސީން ވައިޓްހައުސްއަށް ކަނޑައަޅާފައިވާ ނޫސްވެރިއަކު ވަނީ މީޑިއާގައި ތިލަކޮށް ދީފަ އެވެ. ވައިޓްހައުސްގެ ނޫސްވެރިންގެ ޕޫލްގައި ތިބޭ ނޫސްވެރިންނަށް ރައީސްއާ އެއްކޮށް ތަންތަނަށް ދަތުރު ކުރެއްވުމުގެ ފުރުސަތު އޮވެ އެވެ. ނޫސްވެރިޔާ ތާރާ މެކެލްވޭ ލިޔެފައިވާ ގޮތުގައި ރައީސުންނަށް އުފާވެރި ދުވަސްތަކާއި ހިތާމައިގެ ދުވަސްތައް އޭނާއަށް ގާތުން ފެނުނެވެ. އެކަމަކު އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތާ އެކު އޮތް ޖޯ ބައިޑަން ފަހަތަށް ޖައްސާ ނުލެއްވި ޓްރަމްޕަށް ބޮޑެތި ސްޓޭޓްތައް ގެއްލި، ދެވަނަ ދައުރެއް ހޯދުމުގެ ފުރުސަތު ހަނިވި އިއްޔެއަކީ ތަފާތު ދުވަހެއް ކަމަށް ތާރާ ލިޔެފައިވެ އެވެ.
މައްސަލަ ބޮޑުވި ޕެންސްލެވޭނިއާ އާއި ޖޯޖިއާ ފަދަ ސްޓޭޓްތަކުގެ ނަތީޖާ އަންނަން ގާތްވެފައި އޮއްވާ އިއްޔެ ޓްރަމްޕް ވަޑައިގަތީ ވާޖިނިއާގައި އޮންނަ އޭނާގެ އަމިއްލަފުޅު ގޯލްފް ކްލަބަށެވެ. އެއީ ގޯލްފް ކުޅުއްވުމަށް އޭނާ ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެކެވެ. ވަރަށް އާދައިގެ ހެދުމެއް ތުރު ކުރައްވައިގެން ކެމްޕެއިން ތޮއްޕެއް އަޅުއްވައިގެން ޓްރަމްޕް އެތަނަށް ވަޑައިގަތީ ނަތީޖާ ނުލިބި ހުރި ސްޓޭޓްތަކުން ބައިޑަން ފަހަތަށް ޖައްސާލެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށް ތާރާ ލިޔެފައިވެ އެވެ. އެކަމަކު އޭނާ ބުނިގޮތުގައި އޭރު ވެސް ޓްރަމްޕްގެ އަރިސް މުވައްޒަފުންގެ އަމަލުތައް ހުރިގޮތުން އެ ތިބީ އިންތިޚާބުން ބަލިވާނެ ކަމަށް ގަބޫލު ކޮށްގެންނެވެ.
ނަތީޖާ އަންނަން ފެށިގޮތުން ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ބީބީސީ އާއި އެމެރިކާގެ ބޮޑެތި މީޑިއާތަކުން އިއުލާން ކުރަން ފެށިއިރު ވެސް ޓްރަމްޕް ހުންނެވީ ގޯލްފް ކްލަބްގައި ކަމަށް ތާރާ ލިޔެފައިވެ އެވެ. އެ ޚަބަރުތަކާ އެކު، ޓްރަމްޕް އަނބުރާ ވައިޓްހައުސްއަށް ވަގުތުން ވަޑައިގަންނަވާނެ ކަމަށް ބެލެވުނަސް، އެތައް ގަޑިއިރަކަށް އެކަން ފަސްވި ކަމަށް ތާރާ ލިޔެފައިވެ އެވެ. އޭރު ވެސް ގޯލްފް ކްލަބް ކައިރީގައި ޓްރަމްޕްގެ އެތައް ސަޕޯޓަރުންނެއް ތިއްބެވެ.
ޓްރަމްޕް ގޯލްފް ކްލަބްގައި ހުންނެވި ވަގުތަކީ ކައިވެންޏެއްގެ ހަފުލާއެއް އެތަނުގައި ހިނގަމުންދިޔަ ވަގުތެކެވެ. ގޯލްފް ކުޅުއްވަން އިންނެވުމަށް ފަހު ޓްރަމްޕް ވަޑައިގެން ހަފުލާގައި ވަދެވަޑައިގެން، އެ ދެމަފިރިންނަށް މަރުހަބާ ވިދާޅުވެ، އެ މީހުންނާ އެކު ފޮޓޯ ނެންގެވި އެވެ. އަދި ފަހުން ގޯލްފް ކްލަބްގައި ހުންނަ އޭނާގެ އަމިއްލަ އިމާރާތުގެ ތެރެއަށް ވަޑައިގެން ގިނައިރުތަކެއް ވަންދެން ހުންނެވި އެވެ.
ގަޑިއިރުތަކަކަށް ފަހު ޓްރަމްޕް އަނބުރާ ވައިޓްހައުސްއަށް މޮޓޯކޭޑްގައި ވަޑައިގަތްއިރު ބައިޑަންގެ ސަޕޯޓަރުން ތިބީ އެތަނަށް އެއްވެ އެވެ. ބައެއް މީހުން އަޑުގަދަކޮށް ވެސް ހެދި އެވެ. ވައިޓްހައުސްއަށް ވަޑައިގަތުމަށް ފަހު ޓްރަމްޕް އެތެރެއަށް ވަޑައިގަތީ އާންމުކޮށް އޭނާ ބޭނުން ނުކުރައްވާ ދޮރަކުން ކަމަށް ތާރާ ލިޔެފައިވެ އެވެ. އެވަގުތު އޭނާ ހުންނެވީ އިސް ދަށަށް ޖައްސަވައިގެން ކަމަށް ވެސް ތާރާ ލިޔެފައިވެ އެވެ.
ތާރާ ލިޔެފައިވާ ގޮތުގައި ވައިޓްހައުސްގެ އެތެރެއިން ނޫސްވެރިންނާ ބައްދަލުވެ ވަޑައިގަތުމުން ވެސް ޓްރަމްޕްގެ ހަރަކާތްތައް ވަރަށް ތަފާތެވެ. ބަރާބަރު ކަމަށް ވިދާޅުވެ، އިނގިލިން އިޝާރާތެއް ކޮށްލެއްވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރައްވަ އެވެ. އާންމުކޮށް ޓްރަމްޕަކީ ނޫސްވެރިން ފެނިވަޑައިގަތުމުން އަތުން އިޝާރާތް ކުރައްވާ ބޭފުޅަކަށް ވިޔަސް، އިއްޔެ ވައިޓްހައުސް ތެރެއިން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ތާރާ ލިޔެފައިވެ އެވެ.
އިންތިޚާބުގައި މަކަރު ހެދި ކަމަށް ބުނެ ހަރުކަށި ބަސްފުޅުން ޓްރަމްޕް އިއްޔެ ގިނަ ޓްވީޓްތަކެއް ކުރެއްވިޔަސް، ތާރާ ލިޔެފައިވަނީ އެދުވަހު އޭނާއަށް ފެނުނީ ތަފާތު ޓްރަމްޕެއް ކަމަށެވެ. ކުރިން އޭނާގެ ފަރާތުން ފެންނަ ފަދަ އެއްވެސް ޝަހްސިއްޔަތު ކަމެއް ނުފެންނަ ކަމަށް ތާރާ ލިޔެފައިވެ އެވެ.
ޓްރަމްޕްގެ ވެރިކަމުގެ ދައުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓުންނަށް ރައީސް މަރުހަބާ ކިޔައި، ވައިޓްހައުސްއަށް ދައުވަތު ދިނުމަކީ އެމެރިކާގައި އަމަލުކުރާ ސަގާފަތެއް ކަމަށް ވިޔަސް، ޓްރަމްޕް އަދިވެސް ގެންދަވަނީ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހައްދަވަމުންނެވެ. އަދި ކޯޓުތަކަށް އެކި މައްސަލަތައް ހުށަހަޅުއްވަމުންނެވެ.