ރޮގަދިޝޫ (16 ފެބްރުއަރީ) - އަލްގައިދާއާ ގުޅިފައިވާ ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބްގެ ހަނގުރާމަވެރިން އިންޔެގެ ފަތިހުގެ ވަގުތެއްގައި އެގައުމުގެ ވެރިރަށް މޮގަދިޝޫއަށް އަރައި ހަމަލާ ދީފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބަރު ހަތިޔާރާއެކު އައި ހަނގުރާމަވެރިން ވަނީ އެސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް ވަދެގަނެފަ އެވެ. އެއަށްފަހު ހަނގުރާމަވެރިންނާއި ފުލުހުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލު ކުރެވުނެވެ.

"ހަތިޔާރު ބަރުކޮށްގެން އައި ވެހިކަލެއްގައި ޓެރަރިސްޓުން އައިސް ވަނީ ފުލުހުންނާ ކުރިމަތިލާފައި،" ފުލުހުންގެ ތަރުޖަމާނަކު މީޑިއާއަށް ވިދާޅުވި އެވެ.

ހަމަ އެރޭ ދިން ދެވަނަ ހަމަލާގައި ހަނގުރާމަވެރިން ވަނީ މޮގަދިޝޫގެ ބޭރުން އޮންނަ ދާރުއްސަލާމަށް ބޮމުގެ ހަމަލާއެއް ދީފަ އެވެ.

މި ހަމަލާގައި ކުޑަ ދެ އަންހެން ކުދިން މަރުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުންތަކާއެކު ގިނަ އާއްމުންތަކެއް ވަނީ އެރޭގެ ނިދި ނަގާލައި ބިރުވެރިކަމުގައި ހޭދަކޮށްފަ އެވެ.

ހާލަތު ހަމައަކަށް އެޅެން 30 ވަރަކަށް މިނެޓު ނެގި ކަމަށާއި އެފަދަ ކުރިމަތިލުމެއް މީގެ ކުރިން ފެނިފައި ނުވާ ކަމަށް މީޑިއާއާ ވާހަކަ ދެއްކި އާއްމުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް ސޯމާލިއާގެ އެކި ހިސާބުތަކުގައި އަލްޝަބާބުގެ ހަރަކާތްތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެއާއެކު އެގައުމުގެ ދާޚިލީ ހާލަތު ވެސް ވަނީ ގޯސްވެފަ އެވެ. -- އަލް އަރަބިއްޔާ