ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތްގެ ރިއާލިޓީ ޝޯ "ލޮކް އަޕް" ގައި ބައިވެރިވާ ފަންނާނުންގެ ސިއްރުތައް ވެސް ފަޅާއަރާނެ ކަމަށް ކަންގަނާ ބުނެފި އެވެ.

މި ޝޯގެ އޮފިޝަލް ޓްރެއިލާ ބެލުންތެރިންނާ މިހާރު ހިއްސާކޮށްފައިވާއިރު، ޓްރެއިލާގައި ކަންގަނާ ވަނީ މި ޝޯގައި ބައިވެރިވާ ފަންނާނުންނަށް ކުރިމަތިލާންޖެހޭނެ އެކި ގޮންޖެހުންތަކުގެ ވާހަކަތައް ދައްކާފަ އެވެ.

ކަންގަނާ ބުނާގޮތުގައި މި ޝޯގައި ބައިވެރިވުމަކީ ބިރުވެރި ހުވަފެނަކަށް ވުރެ ކުޑަކަމެއް ނޫނެވެ. އޭގެ އިތުރުން ބައިވެރިން ތިބެން ޖެހޭނީ ޖަލު ތެރޭގައި ކަމަށާއި، ބައިވެރީންނަށް މަތީ ފެންވަރުގެ ބޭނުންތަކުން ދުރުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ބައިވެރިންނަށް ޖަލުގައި ތިބެންޖެހޭނީ އެމީހުން އެންމެ ނަފްރަތުކުރާ ފަދަ މީހުންނާއި އެކުގައި ކަމަށް ކަންގަނާ ވަނީ ސިފަކޮށްފަ އެވެ.

ހަމައެހެންމެ ޝޯއިން ބޭރު ނުވުމަށްޓަކައި ޝޯގެ ބައިވެރިންނަށް އެމީހުންގެ އެންމެ ބޮޑެތި ސިއްރުތައް ހާމަކުރަންޖެހޭނެ ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.

މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު 16 ފަންނާނުން ހިމަނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެ މީހުންނާއެކު ހިނގާނީ ކަންގަނާ ބޭނުންވާ ކަންކަން ކަމަށް ޓްރެއިލާގައި އޭނާ ވަނީ ބުނެފަ އެވެ.

ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.