އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހުގެރޭ މަހްމޫދު މަރާލި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ ޝާ އަލޮމް މިއާ (ސާލިމް) އެވެ. އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފުވެފަ އެވެ.

ސާލިމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ.

މައްސަލަ ބެލުމަށް މިއަދު ބޭއްވި ޝަރީއަތުގައި މަހުމޫދުގެ އާއިލާ ބައިވެރިވެފައިވާއިރު، އެއްވެސް ވާރިސަކު ދިޔަ ނަގަން ބޭނުން ވެފައެއް ނުވެ އެވެ. އެހެންނަމަވެސް އެހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރުހިފުމަށެވެ.

މިއަދުގެ ޝަރީއަތުގައި ވާހަކަ ދައްކަމުންވެސް ސާލިމް ތަކުރާރުކުރީ އޭނާ މީގެ ކުރިންވެސް ބުނި ބަހެވެ. އޭނާ ބުނީ، އޭނާ މަހުމޫދު މަރާލީ ޝައިތޯނާ ބޮލަށް ވަދެގެން ކަމަށެވެ. އަދި އެކަމާއި އޭނާ ހިތާމަކުރާކަމަށް އޭނާ ބުނެފައިވެ އެވެ. މި މައްސަލައިގައި ސާލިމަށް ދޭ އަދަބެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ މަހުމޫދުގެ ހުރިހާ ވާރިސުން އިއްތުފާގު ވެފައިވާގޮތަށް މަރަށް މަރުގެ ހުކުމް އިއްވުމަށެވެ. މި ހުށަހެޅުމަށް ދިފާއުން ވެސް ދެކޮޅުހަދާފައެއް ނުވެ އެވެ.

މަހުމޫދު މަރާލި މައްސަލައިގައި ދެން ކުރިއަށް ދާނީ ފަނޑިޔާރުގެ ހުކުމް އިއްވުމެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާއިރު، މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް އޭނާ ބުނެ އެވެ.