ނިމިދިޔަ އަހަރު ގިނަ ނޫސްތަކެއްގައި ވިދާލީ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކެޓްރިނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކަތަކެވެ. އަދި އެއަށް ފަހުގައި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ ކިހިނެއް ކަމާއި އޭގެ ފަހަތުގައިވާ ސިއްރު ހާމަވާނެ ދުވަހަކަށް އެދެތަރިންގެ ފޭނުންވެސް ދަނީ އިންތިޒާރުކުރަމުންނެވެ.

ނަމަވެސް ފޭނުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދިނުމަށް ދެ ފަންނާނުންވެސް ވަނީ ނިންމާފަ އެވެ. މިގޮތުން ކެޓްރީނާ އާއި ވިކީ، ކައިވެންޏަށް ފަހުގައި ޖޯޑެއްގެ ގޮތުގައި އާންމުންގެ ތެރެއަށް ނިކުމެ، އެދެފަންނާނުންގެ ލޯބީގެ ވާހަކަތައް ކިޔައިދިނުމަށް ސްޓާ ޕްލަސްގެ ޝޯ އަކަށް މެހެމާނުންގެ ގޮތުގައި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޝޯގެ އިސްތިހާރު މިހާރު ސްޓާ ޕްލަސްއިން ގެންދަނީ އެޗެނަލްއިން ދައްކަމުންނެވެ. ހަމައެހެންމެ މި ޝޯގައި އެދެފަންނާނުން އައުމަށް ހަމަޖެހިފައިވާއިރު، އެދެފަންނާނުން އެކީގައި ޝޯއަކުން ފެނިގެންދާނެ މިއީ ފުރަތަމަ ފަހަރެވެ. އަދި އެ ވަގުތުކޮޅަށް އާންމުން އިންތިޒާރު ކުރަމުންދާއިރު، އެދެފަންނާނުންގެ ފެނިލުމާއި އެކު ސްޓާ ޕްލަސްގެ ވިއުސް ވެސް ގިނަވެގެންދާނެކަން ފާހަގަކުރެވެ އެވެ.

ކެޓްރީނާއާއި ވިކީ ކައިވެނިކުރީ ރާޖަސްތާނުގެ ޕިންކް ސިޓީ، ސިކްސް ސެންސެސް ފޯޓް ބަރްވަރާގަ އެވެ. ހަމައެކަނި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން މި ދެ ފަންނާނުންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ވިކީ އާއި ކެޓްރީނާ ވަނީ އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކައިވެނީގެ ހަފްލާގެ ފޮޓޯތައް އާންމުކޮށްފަ އެވެ.