ޓީވީ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ އިންޑިއާގެ ފިލްމީ ތަރިއެއް ކަމަށްވާ ސުރްބީ ޗަންދްނާ، އޭނާގެ އަސްލު، އާންމުންނަށް ހާމަވާން ނޭދޭ ކަމަށް ބުނެފި އެވެ.

ކަންގަނާގެ "ލޮކް އަޕް" ޝޯގައި ބައިވެރިވުމަށް އޭނާ ގާތު އެދެފިތޯ ބެލުމަށް އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ރައްދުދެމުން ސުރްބީ ބުނީ، ކަންގަނާގެ އެޝޯއަކީ މިދުވަސްވަރު އެންމެން ކަހަލަ ގޮތަކަށް ބަލާލުމަށް އެންމެ އިންތިޒާރުކުރަމުން ގެންދާ އެއް ޝޯ ކަމަށެވެ. ނަމަވެސް އެޝޯގައި ބައިވެރިވުމަށް މިހާތަނަށް އޭނާ ގާތު އަހާފައި ނުވާ ކަމަށް ސުރްބީ ބުންޏެވެ. އަދި އެ ޝޯއަށް ކިތަންމެ ދާހިތްވި ނަމަވެސް އޭނާ އެކަން ކުރާކަށް ބޭނުމެއް ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ސުރްބީ ވަނީ، އެ ޝޯ މެދުވެރިކޮށް އޭނާގެ އަސްލު އާންމުންނަށް އެނގެން ނޭދޭ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އަސްލު އެންމެންނަށް ހާމަވެއްޖެ ނަމަ، އެއްވެސް މީހަކު އޭނާއާ ގާތްވެ ގުޅުން ބަދަހިކުރަން ބޭނުން ނުވާނެ ކަމަށާއި، އެކަން އެހެން ވާން އޭނާ ބޭނުން ނުވާ ކަމަށް ސުރްބީ ބުނެފައިވެ އެވެ.

މި ޝޯގައި ޓީވީ ތަކުން މަޝްހޫރުކަން ހޯދާފައިވާ 16 ފަންނާނުން ހިމަނާނެ ކަމަށް ކަންގަނާ، ޝޯގެ ޓްރެއިލަރުގައި ބުނެފައިވެ އެވެ. އަދި ޝޯ މެދުވެރިކޮށް ބައިވެރީންގެ އެންމެ ބޮޑެތި ސިއްރުތައް ވެސް ފަޅާ އަރާނެކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.