ބޮލީވުޑްގެ މަޝްހޫރު ފަންނާނު އަމީތާބު ބައްޗަން އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށް ތެލަގޫ ސިނަމާ ތަކުގައި މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ޕްރަބާސް ބުނެފި އެވެ.

ޕްރޮޖެކްޓު-ކޭ ގެ ޝޫޓިންގައި އަމީތާބާއި ޕްރަބާސްގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުން މަސައްކަތް ފަށާފައިވާއިރު، މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި ކުޅޭ އެންމެ އަގުބޮޑު އެއް ފިލްމަކަށް ވެގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ލީޑް ރޯލަކުން އަމީތާބާއި ޕްރަބާސް މި ފިލްމުގައި ފެނިގެންދާއިރު، މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެދޭނީ ބޮލީވުޑް ސިނަމާގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅެދޭ މަޝްހޫރު އެކްޓްރެސް އެއްކަމަށްވާ ދީޕިކާ ޕަޑުކޯން އެވެ.

މި ޕްރޮޖެކްޓުގައި ޕްރަބާސް އާއެކު މަސައްކަތް ކުރުމާއި ގުޅޭގޮތުން އަމީތާބުވެސް މީޑިއާތަކަށް އޭނާގެ ޝުއޫރު ހިއްސާކޮށްފައިވެ އެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެއް ކަމަށްވާ "ބާހޫބަލީ"ގެ ބަތަލާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުމަކީ އަމީތާބުވެސް ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ޕްރޮޖެކްޓު ކޭ އަކީ އަޝްވިނީ ދަތް ޕްރޮޑިއުސްކޮށްގެން ގެނެސްދޭ ފިލްމެކެވެ. އަދި ފިލްމުގެ ޝޫޓިންއަށް ފަންނާނުން ވަނީ އިންޑިއާގެ ހައިދްރާބާދަށް ގޮސްފަ އެވެ.