ވަތަނުގެ ހައްގުގައި އަޑު އުފުލުމުން ޖަލަށްލާން ޖެހުމަކީ އަލުވެތިކުރުން ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

މިކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައި ސަމީރު ވަނީ ރާއްޖޭގެ ތާރީހުގައި މިނިވަންކަން ގެއްލުނު ސަބަބުތަކަށް އަލި އަޅުއްވާލައްވާފަ އެވެ. އެގޮތުން މީގެ ކުރިން ވެސް ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ފަހަތުގައި ކޮންމެ ފަހަރަކު ވެސް ހުރީ ވެރިކަމުގެ ދަހިވެތިކަމުގައި ހުރި ބަޔަކު ކަމަށް ޝެއިޚް ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ، އެފަދަ ކޮންމެ ފަހަރަކުވެސް އެމީހުންގެ ކިބައިން ރާއްޖެ ސަލާމަތްކުރީ، ގައުމުގެ ބަޔަކު ނިކުމެ ކަން ޝެއިޚް ވަނީ ހަނދާންކޮށްދީފަ އެވެ.

ޝެއިހް ސަމީރު ވިދާޅުވީ، ވެރިކަން ލިބުމަށްފަހު، ވެރިކަން ހޯދައި، އެ ދެމެހެއްޓުމަށްޓަކައި ސިޔާސީ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އަދި އެކަން މިހާރު ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ސަމީރު ވިދާޅުވެފައިވެ އެވެ.

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ދާކަމަށް އެއްވެސް ރައްޔިތަކަށް ގަބޫލުކުރެވިގެން، އެފަދަ ކަމެއް ހުއްޓުވުމަށް ރައްޔިތަކު އުފުލާ އަޑު ހުއްޓުވައި ޖަލަށް ލުމަށް ބޭރު ގައުމެއްގެ ނުފޫޒަކުން ގާނޫނެއް އެކުލަވާލުމަކީ ދިވެހިން އަޅުވެތިކުރުން ކަމުގައި ސަމީރު ވިދާޅުވި އެވެ. އަދި އެފަދަ ގާނޫނެއް އެކުލަވާލުމަކީ އަޅުވެތިކަމުން ގައުމު ސަލާމަތްކުރަން ހުރި ރައްޔިތުންގެ ފިޔަ ބިންދާލުން ކަހަލަ ކަމެއް ކަމަށްވެސް ޝެއިހް ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ޝެއިހް ސަމީރު މިފަދައިން ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން "ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ" ބިލް ހުށަހަޅާފައިވަނިކޮށެވެ.

މި ބިލުގައި ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން، ޖަލަށް ލުން ނޫނީ ގޭގައި ބަންދު ކުރުން ފަދަ އަދަބުތައް ދެވޭނެ އެވެ.