މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާއިން ހައްޔަރުކުރި ރަޝީދާ މަސްތުވާތަކެތި އެތެރެކުރީ އަވަނެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ބ. އޭދަފުށްޓަށް ނިސްބްތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ ހައްޔަރުކުރީ މިމަހުގެ 15 ދުވަހު އެވެ.

އައިމިނަތު ރަޝީދާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިންޑިޔާގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ފަހަރު އޭނާގެ ބަންދު ކޮށްފައިވަނީ ތިން ދުވަހަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އަނެއްކާ ވެސް އޭނާ ކޯޓަށް ހާޒިރު ކުރުމުން މިހާރުވަނީ 14 ދުވަސް ޖަހާފަ އެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި ހަވާލާދީ އިންޑިއާގެ ނޫހަކުން ބުނީ، ރަޝީދާ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، އަވަނެއްގައި ކަމަށެވެ. އަދި ރާއްޖެ ފޮނުވަން އުޅުނު މަސްތުވާތަކެތީގައި 3.906 ކިލޯގެ އޮޕިއަމް ފެނުނު ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން، ރަޝީދާ އަކީ ރާއްޖޭގައި އަންނައުނުގެ ވިޔަފާރިކުރާ މީހެއް ކަމަށާއި، އެ ބޭނުމުގައި އޭނާ ވަރަށް ގިނައިން އިންޑިއާއަށް ދާކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އެނޫގައި ބުނެފައިވެ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ރަޝީދާ އުޅޭތާ މިހާރު އެތައް އަހަރުތަކެއް ވެފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާގެ ފިރިހެން ދަރިއެއް ރާއްޖެއިން ހައްޔަރުކުރި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.