މަސްތުވާތަކެތީގެ ބޮޑެތި މައްސަލަ ތަކެއްގައި ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު "ޕެސްޓް" ބޭސްފަރުވާއަށް ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލަން ނިންމި ނަމަވެސް ދައުލަތުން ވަނީ ކޯޓުގައި އެކަމާ ދެކޮޅު ހަދައިފަ އެވެ.

މިދިޔަ 2021 އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓްގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރި އެވެ. އަދި އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ޕެސްޓުގެ މައްޗަށް އަންނާނެ އެވެ.

މިހާތަނަށް ވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ހައި ކޯޓުން ވަނީ މިދިޔަ އަހަރު ވެސް ދަމަހައްޓާފަ އެވެ

ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ނިންމީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ. އޭނާގެ އިތުރުން އެ މައްސަލާގައި އިތުރު ތިން މީހަކަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ.