ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރުންނާ ހަވާލު ކުރުމަށް އެދިވަޑައިގަތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ބޭރުގެ ބަޔަކަށް ކޮންޓްރެކްޓު ކުރަން އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންފައި ވާނެ ކަމަށެވެ. އަދި ދެން ވެސް އެ ހިޔާނާތުގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލް ވާނެ ކަމަށް އެމަނިކުފާނުގެ ޓުވީޓުގައިވެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިވެގެން ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލުމައްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 2018 ވަނަ އަހަރުގައި ކޮމިޝަނެއް ވެސް އުފައްދާފަ އެވެ އަދި އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން 2021 ޖެނުއަރީ 1 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.

އެ ހިޔާނާތުން 281 މީހުންނަށް މަންފާ ކޮށްފައި ވާކަމަށް ވެއެވެ. އަދި އެ 281 މީހުންގެ ލިސްޓް ވަނީ މިދިޔަ އަހަރުގެ މެއި މަހު އިއުލާން ކޮށްފައެވެ. އެއިއުލާނުގައިވާ 63 ޕަސެންޓް މީހުންގެ ތަހުގީގެއް ނުކުރެ އެވެ.

އެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ދަށު ކޯޓުން ސާބިތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އެވެ. އެ މައްސަލަ ވެސް ވަނީ ސުޕްރީމް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމައި އެމަނިކުފާނު ދޫކޮށްލާފަ އެވެ

އޭގެ އިތުރުން ކުރީގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމް އަދި މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ވަނީ ދައުވާ އުފުލައިފަ އެވެ.

ކަން މިހެން އޮތް އިރު މި ސަރުކާރުގެ އިދިކޮޅުން އަންނަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއިވެސް އެހިޔާނާތާއި ގުޅުން އެބަ އޮތް ކަމަށް ތުހުމަތުކޮށް އަޑު އުފުލަމުންނެވެ.