ކަންގަނާ ރަނާއުތްގެ ރިއަލިޓީ ޝޯ "ލޮކް އަޕް" އާ ގުޅޭގޮތުން ކަންގަނާ ދެއްކި ވާހަކަތަކާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ ރާކީ ސާވަންތުގެ ބަހުގެ ހަމަލާތަކެއް ކަންގަނާއަށް ދީފި އެވެ.

މި ޝޯގެ އޮފިޝަލް ޓްރެއިލާ ބެލުންތެރިންނާ މިހާރު ހިއްސާކޮށްފައިވާއިރު، ޓްރެއިލާގައި ކަންގަނާ ވަނީ މި ޝޯގައި ބައިވެރިވާ ފަންނާނުންނަށް ކުރިމަތިލާންޖެހޭނެ އެކި ގޮންޖެހުންތަކުގެ ވާހަކަތައް ދައްކާފަ އެވެ. އަދި މި ޝޯއަކީ "ބާއީ" ގެ ޝޯއެއް ނޫން ކަމަށް ބުނެފައިވާއިރު، އޭނާ އެ ވަގުތު އެބަސް އަމާޒުކޮށްފައި ވަނީ ސަލްމާނަށެވެ.

ނަމަވެސް މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ރާކީ ބުނީ، ސަލްމާނުގެ "ބިގް ބޮސް" އަކީ، 15 ސީޒަން ވަންދެން ކާމިޔާބުކަމާއެކު ސަލްމާނު ހިންގި ޝޯއެއް ކަމަށެވެ. އަދި ޝޯ ހިންގޭނީ "ބާއީ" އަށް ކަމަށާ، "ބެހެން" (ކަންގަނާ) އަށް ޝޯ ހިންގަން ނޭނގޭ ކަމަށް ރާކީ ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް ރާކީ ވަނީ، ބޮލީވުޑްގެ އެކި ކަންކަމާ ގުޅިގެން ކަންގަނާގެ ބަސްމަގާއި، އޭނާގެ އުޅުން ހުންނަ ގޮތާމެދު ފާޑުކިޔާފަ އެވެ.

ރާކީ ބުނިގޮތުގައި ކަންގަނާއަށް ބޮލީވުޑް ކަމުނުދިޔަ ނަމަވެސް އަލުން އޭނާ އަންނަން ޖެހިފައިވަނީ ވެސް ބޮލީވުޑަށެވެ. އެހެންކަމުން އެފަދަ ބަދު ބަސްތައް ބޮލީވުޑްގެ ފަންނާނުންނަށާއި، ބޮލީވުޑްގެ ކަންކަމަށް ނުކިޔުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

މި ޝޯގައި ޓީވީތަކުން މަޝްހޫރުކަން ހޯދާފައިވާ 16 ފަންނާނުން ހިމަނާނެ ކަމަށް ކަންގަނާ، ޝޯގެ ޓްރެއިލަރުގައި ބުނެފައިވެ އެވެ. އަދި ޝޯ މެދުވެރިކޮށް ބައިވެރީންގެ އެންމެ ބޮޑެތި ސިއްރުތައް ވެސް ފަޅާ އަރާނެ ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

ކަންގަނާގެ ލޮކް އަޕް ޝޯ އާންމުންނަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ޝޯ އާންމުންނަށް ގެނެސްދޭނީ އެމްއެކްސް ޕްލޭޔާ އަދި އޯލްޓް ބާލާޖީ މެދުވެރިކޮށެވެ.