ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ޔުކްރެއިންގައި ތާށިވެފައިތިބި 15 ދުވެހިން ހަންގޭރީއަށް ގެންދިޔުމަށް ފަހު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިހާރު ޔޫކްރެއިންގައި ތިބި 15 ދިވެހި ކިޔަވާ ކުދިން ތިބީ އެގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގަ އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔުކްރެއިން އާއި ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް އެ ދިވެހިން ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ހަންގޭރީ ސަރުކާރާ ގުޅިގެން އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ހަރްކީވާއި ނިޕްރޯގައި ބާކީ ތިބި ދަރިވަރުން ވެސް އެ މަގުން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ޔުކްރެއިންގައި 50 ދިވެހި ދަރިވަރުން ތިއްބެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަނީ އެ ގައުމުން ނުކުމެފަ އެވެ. ނަމަވެސް ބާކީ ތިބި ދަރިވަރުން ފުރުމުގެ ކުރިން ހަނގުރާމަ ފެށުމުން އެ ދަރިވަރުންނަށް އެ ގައުމުން ނުކުމެވޭ ގޮތް ނުވީ އެވެ .

ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ވެސް ދީފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ރާއްޖެ ނާދެވި ޔުކްރެއިންގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.