މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ގިނަ ދުވަސްތަކެއް ފަހުން އަނބުރާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާލައިފިއެވެ.

ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހުގައި އެދުނީ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ލޮނުޒިޔާރަތް ޕާކް ތަރައްގީކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މިރޭ މިޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝިފާގެ މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ ދެ ފާޚާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، އެއް ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަން އިން ކޮށް ނިންމާފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ އިއުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތްކަން ތަހުގީގަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެ ފުށްފެންނަ އުސޫލަކުން ނޫންކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެ ކޮމިޝަނުން ބުނިގޮތުގައި، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަނާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާ އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ސިފާ ކަން އެ ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފައި ކަމަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

"އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެއެވެ." އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން ދެ ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މޭޔަރު ޝިފާއަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ފާހަގަކުރެވޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހަމައެހެންމެ، ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކަމަށްވީހިނދު، އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރު ޝިފާ ހިއްސާކޮށްފައި ނުވާކަން ތަހުގީގަށް ވަނީ އެނގިފައެވެ. އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގެއެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް ދެ ފާޚާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރު ޝިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް އަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން އަމިން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހާލަތެއް ދިމާވެފައިވާކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ފާޚާނާބަރި ފިޔަވައި ހަދަންހުރި އިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިއުލާނުކޮށްފައިވާތީ އެ އުސޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ އިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަންކަމުގެ މައްޗަށް ބަލާއިރު، ހާމަކަންބޮޑު ދެފުންފެންނަ އުސޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން އަމަލީގޮތުން ދެ ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މޭޔަރު ޝިފާ މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން އަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.