ބޮލީވުޑްގެ މަޝްހޫރު ފިލްމީ ފަންނާނު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ޚާން އަކީ ބޮލީވުޑްގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. އެހެންނަމަވެސް އެދެމީހުންގެ ކައިވެނި ނިމުމަކަށް އައީ ހީވެސް ނުކުރާ ގޮތަކަށެވެ.

ދެފަންނާނުންގެ ކައިވެނި ނިމުމަކަށް އަންނަން ޖެހުނީ، އޭރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އައި މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތް އާއި ރިތިކްއާ ލޯބީގެ ގޮތުން ގުޅުނު ހިސާބުންނެވެ. ރިތިކްއާއި ކަންގަނާ ލޯބީގެ ގޮތުން ގުޅުނީ "ކްރިޝް-3" ގެ ސެޓުންނެވެ. އެ ފިލްމުގައި ދެފަންނާނުންވެސް ފެނިގެން ގޮސްފައިވަނީ ލޯބީގެ ރޯލަކުންނެވެ.

އެންމެ ފުރަތަމަ ރިތިކާއި ކަންގަނާގެ އެ ގުޅުން ބާއްވާފައިވަނީ އެންމެންނަށްވެސް ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް ރިތިކާއި ކަންގަނާ ލޯބީގެ ގޮތުން ގުޅުން ބާއްވާކަން އެނގުނު ހިސާބުން ސުޒޭން ބޭނުންވީ ރިތިކްއާ ދުރުވާށެވެ. އެގޮތުގެ މަތީން ސުޒޭން އާއި ރިތިކްގެ ކައިވެނި ރޫޅުނެވެ.

ނަމަވެސް އެކަން މީޑިއާތަކަށް އޭރުވެސް އެނގިފައެއް ނުވެ އެވެ. ސުޒޭން އާއި ރިތިކްގެ ކައިވެނި ރޫޅުމަށްފަހު ރިތިކް ކަންގަނާ ގާތު ކައިވެނިކުރުމަށް ޕެރިސްގައި އެހިކަމަށްވެ އެވެ. އެއަށްފަހު ކެޓްރީނާ ކެއިފްއާ އެކު"ބޭންގް ބޭންގް" ކުޅުނު ސެޓްގައި ރިތިކްއާއި ކެޓްރީނާގެ ގާތް ގުޅުމުގެ ވާހަަތައް އަޑުއަހައި ކަންގަނާ އަދި ރިތިކްއާ މެދުގައި ހަމަނުޖެހުންތައް ގިނަވެ ދެ ފަންނާނުންވެސް ދުރުވި އެވެ.

އެކަން މީޑިއާތަކަށް އެނގުނީ ކަންގަނާގެ މައްޗަށް ތުހުމަތުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ރިތިކް މައްސަލައެއް ފައިލްކުރުމުންނެވެ. ރިތިކް މައްސަލަ ހުށަހެޅީ، މީސްމީޑިއާގައި ރިތިކްއަކީ "ކުރީގެ ލޯބިވެރިޔާ" ކަމަށް ކަންގަނާ ބުނި ބުނުމަށެވެ.

އޭގެ ގިނަ އަހަރުތަކެއް ފަހުން ރިތިކް މިހާރު ލޯބީގެ ގޮތުން ގުޅިފައިވަނީ ސަބާ އާޒާދް އާއެވެ. ހަމައެހެންމެ ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޙާންވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ. ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާއި އެވެ.