ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއަކީ 2003 ވަނަ އަހަރުން ފެށިގެން އޭނާގެ ރީތިކަމާއި ހުނަރުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އަދި އެކި ކަންކަމަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދައްކާ ކަންކަމަށް ކުރިމަތިލުމަށް ބާރުއަޅައި ގޮވާލާ މީހުންގެ ތެރޭގައި ވެސް ޕްރިޔަންކާ ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ޕްރިޔަންކާގެ ފިލްމީ ކެރިއަރުގައި ގިނަ ބައެއްގެ ނުރުހުމާއި ނަފްރަތާ ވެސް ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރޭގައި ގިނައީ ބޮލީވުޑް ފިލްމުތަކުގައި ބަތަލުންގެ ރޯލުން ފާހަގަކޮށްލެވޭ ފަންނާނުންގެ އަނބިންނެވެ.

ޕްރިޔަންކާއާއި ބޮލީވުޑްގައި ކައިވެނިކޮށްފައިވާ ފިރިހެން ފަންނާނުންނާ މެދުގައި ލޯބީގެ ގުޅުން އޮވެ، އެ ގުޅުން ފަޅާއެރި ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވުނު ވާހަކަތަކެވެ. އެހެންނަމަވެސް ޕްރިޔަންކާއާ ލޯބީގެ ގޮތުން ގުޅުނު އެއް ފަންނާނެއްގެ ވާހަކައަކީ، އެނގިހުރެ ވެސް އެންމެން ސިއްރުކޮށްފައިވާ ހަގީގަތެކެވެ. ސަބަބު ވެސް ވަރަށް ސާފެވެ. އެއީ އެ ފަންނާނެއް ދެކެ ވާ ލޯތްބާއި، ސަޕޯޓުކުރާ މިންވަރު ބޮޑުކަމުންނެވެ.

ގިނަ ބަޔަކު ޕްރިޔަންކާއާއި އެ ފަންނާނަކާ އޮތް ގުޅުން ސިއްރުކޮށްފައިވާ ފަންނާނަކީ ޝާހުރުކް ޚާން އެވެ. ނަމަވެސް މިއީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ. ޕްރިޔަންކާ އާއި ޝާހުއާ ދެ މީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ރޫޅައިލީ ޝާހުގެ އަންހެނުން ގޯރީ ޚާން އެވެ.

ގޯރީއަށް އެ ދެފަންނާނުންގެ ގުޅުމުގެ ހަބަރު އެނގުމާއެކު ޕްރިޔަންކާއާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަށް ޝާހުއަށް މަނާކުރި އެވެ. އޭގެ އިތުރުން ގޯރީ ވަނީ އޭނާގެ އެކުވެރިޔާ ކަމަށްވާ މަޝްހޫރު ފިލްމު މޭކާ ކަރަން ޖޯހަރާއެކު ޕްރިޔަންކާގެ ފިލްމީ ކެރިއަރު ހަލާކުކޮށްލުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

ޕްރިޔަންކާ އާއި ޝާހުއާ ދެމެދުގައި ލޯބީގެ ގޮތުން އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރުމުން ކޮންމެ ފަހަރަކު ވެސް ޝާހުގެ ޖަވާބަކަށް ބުނެފައި ވަނީ، އެއީ ގާތް ދެ ރަހުމަތްތެރިން ކަމަށެވެ. ނަމަވެސް އެ ދެފަންނާނުންގެ ރަހުމަތްތެރިކަން ވެސް ނިމުމަކަށް އައީ، އެކަމާ ގުޅިގެން ގޯރީ، ޝާހު ކައިރިން ވަރިވާން އުޅުމުންނެވެ. ނަމަވެސް ޝާހު ވަނީ ޕްރިޔަންކާއާ އޮތް ގުޅުން އެއްކޮށް ކަނޑާލައި، އޭނާގެ ކައިވެނި ސަލާމަތްކޮށްފަ އެވެ.