ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އައިމިނަތު އީމާންގެ ދައުރު ނިމެންދެން އޭނާގެ މުސާރައާ އެލަވަންސް އާއިލާއަށް ދިނުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އީމާންގެ އާއިލާއަށް އެލަވަންސް ދިނުމަށް ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވަނީ ހުށަހަޅުއްވާފަ އެވެ. އަދި އީމާންއަށް އޭނާގެ ދައުރު ނިމެންދެން މުސާރައާ އެލަވެންސް މެދުކަނޑާލުމެއް ނެތި ދިނުމަށް ފާސްކޮށްފައިވަނީ ސިޓީ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި މެމްބަރު ނަހުލާ ވަނީ ދައުރުގެ މެދުތެރެއިން ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ މެންބަރު ހިތާމަވެރި ހާދިސާއެއްގައި ވަކިވުމުން، އޭނާގެ އާއިލާއަށް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އެދިފަ އެވެ. ސިޓީ ކައުންސިލްގެ މި ހުށަހެޅުމާއެކު ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުން އެ ނިންމުން އިތުރަށް ބަލަމުން ގެންދާނެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން

މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އީމާންއަށް ލިބެމުންދިޔަ މުސާރައާ އެލަވަންސް، ދައުރު ހަމަވަންދެން މެދުނުކެނޑި އޭނާގެ އާއިލާއަށް ދިނުމަށް ފިނޭންސް މިނިސްޓްރީއާ އެލްޖީއޭއަށް ދަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާޓެރި އެކްސިޑެންޓުގައި މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އީމާންއަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޓްކުރީ އާދިއްތަ ދުވަހު އެވެ.

އީމާންއަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް އެރޭ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހުގައި ވެންޓިލޭޓަރުގައި ފަރުވާދިނެވެ.

އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، އަނިޔާގެ ސަބަބުން އީމާންގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އީމާން ބޮލުގެ ނާށިގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން، ސިކުނޑީގެ ބައެއް ބޭރަށް ނިކުމެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.