ރާއްޖޭގައި "ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަކުރުމުގެ ގާނޫނު"ގެ ނަމުގައި ބިލެއް ހުށަހަޅައިފި އެވެ.

ބޭރުން ރާއްޖެ އެތެރެކުރާ، އަދި ރާއްޖޭގައި އުފައްދާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން، އެތަކެތި ގިންތިކޮށް ދަރަޖަކުރުމާއި ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

ފަންނީ އުފެއްދުންތައް ގިންތިކޮށް ދަރަޖަކުރުމުގެ މަގުޞަދަކީ، އުފެއްދުންތައް އާންމުކުރުމުގެ ކުރިން އެތަކެތި ތަފާތު އުމުރުފުރާތަކަށް އެކަށޭނެގޮތަށް، ގިންތި ކުރެވޭ އުފެއްދުންތަކެއްގެ ގޮތުގައި ކަށަވަރުކުރުންކަމުގައި އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއީ އެތަކެތި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެކުލަވާލާ ބިލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބިލް ގާނޫނަކަށް ވުމުން ރާއްޖެއަށް އެތެރެކުރެވޭ،ަ އަދި ރާއްޖޭގައި އުފައްދާ ފިލްމު، ރިކޯޑިން އަދި ކުރެހުންތައް ފަދަ ފަންނީ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތިކުރުމަށް ފަހުގަ އެވެ.

ނަމަވެސް އޭގެ ތެރޭގައި ވަކި ގޮތަކަށް ރާއްޖެ އެތެރެކޮށް، ނުވަތަ އުފައްދާ އުފެއްދުންތައް އިސްތިސްނާވާނެ އެވެ. އެގޮތުން އަމިއްލަ ބޭނުމަށް އުފައްދާ ތަކެއްޗާއި، ފަތުރުވެރިން އެތެރެކުރޭ ތަކެތީގެ އިތުރުން ޑައުންލޯޑު ކުރާ ތަކެތި ހިމެނެ އެވެ.

އެބިލުގައި ބަޔާންކޮށްފައިވާގޮތުން ގިންތިކޮށްފައިވާ އުފެއްދުންތަކަށް އުނިއިތުރުކަމެއް ގެނެސްފިނަމަ ޖޫރިމަނާކުރާނެ އެވެ. އެގޮތުން އެތަކެއްޗަށް ގެންނަ އުނިއިތުރެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް 500 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށާއި ކުށް ތަކުރާރުވާނަމަ 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.