ރިޔާސީ ބަޔާނެއްގެ ބަދަލުގައި ސިޔާސީ ބަޔާނެއް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ދެއްވީ ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދައި ހުރުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މިސަރުކާރުން ވައުދުވެ، ނުކުރެވިހުރި ހުރިހާ ކަންކަމެއްގެ ތަފުސީލު ހާމަކުރުމަކީ އެއްދުވަހަކުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ވައުދެވެ ނުކުރެވި ހުރި ކަންކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"ރާއްޖޭގެ ހުރިހާ މިސްކިތެއް މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް. މިހާތަނަށް މި ވައުދުގެ ދަށުން އޭސީ ކުރެވުނީ އެންމެ ދެ މިސްކިތް،" ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކަމަށާއި 2019 ވަނަ އަހަރު 20،000 ފްލެޓް، 2020ވަނަ އަހަރު 4000 އަށްވުރެ ގިނަ ފްލެޓް، 2021 ވަނަ އަހަރު 5000 ފްލެޓް އަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަށް އެންމެ ދިވެހި ރައްޔިތަކަށް ވެސް މި ސަރުކާރުން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް މި ސަރުކާރަށް ފެށިފައި ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ތިލަމާލެ ބްރިޖުގެ މަޝްރޫއު އެއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ފަށައިގަންނާނެ ކަމަށް ވިދާޅުވި. ނަމަވެސް ބްރިޖްގެ މަސައްކަތް އެގޮތަކަށް ކުރެވެމުންނެއްނުދޭ. ބްރިޖުގެ މަސައްކަތް ލަސްވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ،" ސަލީމް ވިދާޅުވި އެވެ.
ވަޒީފާ ލިބެންދެން އިނާޔަތްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދެއް ކަމަށާއި އެހެންނަމަވެސް އެތައް ބަޔަކަށް ވަޒީފާ ނުލިބި، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެގެންދާއިރު އެ ވައުދުވި އިނާޔަތް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ހދ. މަކުނުދޫ، ށ. ބިލެއްފަހި އަދި ބ.ތުޅާދޫގެ އިތުރުން ތ. ވިލުފުށީ، އަދި ރ. އަތޮޅުގައި އަޅުއްވަން ވިދާޅުވި އެއާޕޯޓްގެ މަސައްކަތް ކުރިއަކަށް ނުދާ ކަމަށާއި ހއ. ދިއްދު އާއި ރ. މީދޫއާއި ބ. އޭދަފުށީ އަދި ދ. ކުޑަހުވަދޫގައި އަޅަން ސަރުކާރުން ވައުދުވި ހޮސްޕިޓަލުގެ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ސާކިޓް ކޯޓުގެ މަސައްކަތެއް ނުހިނގާ ކަމަށާއި މިކަންކަން މިހާރު ގޮސްފައިވާ ހިސާބު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ސަލީމް ގޮވާލެއްވި އެވެ.