ބޮލީވުޑްގެ މަޝްހޫރު ފަންނާނު ކެޓްރީނާ ކެއިފް އެންމެ ފަހުން ކުޅުނު އިޝްތިހާރު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފި އެވެ.

މިއަހަރު ޖެނުއަރީ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ކެޓްރީނާ ރާއްޖެ އައިސް އިޝްތިހާރު ކުޅުނީ ދ. އަތޮޅުގައި އޮންނަ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ އަންގްސަނާ ވެލާވަރުގަ އެވެ.

ކެޓްރީނާއަކީ ޓްރޮޕިކާނާ "ސްލައިސް"ގެ ބްރޭންޑް އެމްބެސެޑަރެވެ. އަދި ޓްރޮޕިކާނާ ސްލައިސްގެ އަނބު ޖޫހަށް ކެޓްރީނާ ކުޅެދޭ އިޝްތިހާރުތަކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބޭ އިޝްތިހާރުތަކެކެވެ.

އެންމެ ފަހުން އާންމުކުރި އިޝްތިހާރު ކެޓްރީނާގެ އިންސްޓަގްރާމުގައި އޭނާ ހިއްސާކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާގެ އެ އިޝްތިހާރަށް އިންތިޒާރުކުރަމުން ދިޔަކަން ފާހަގަކޮށްފަ އެވެ.

https://www.instagram.com/p/Ca3yTCLFoj_/

އެ ޕޯސްޓުގައި ކެޓްރީނާ ބުނީ ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް ސްލައިސް ކެމްޕެއިންގެ ބައިވެރިއަކަށްވުމަށް ފުރުސަތު ލިބުމަކީ އޭނާ އުފާކުރާ ކަމެއް ކަމަށެވެ. އަދި އެ އިޝްތިހާރުގައި ސްލައިސް ބްރޭންޑްގެ އަނބުން ދޭ ރަހަތައް ހައިލައިޓް ކޮށްދޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކެޓްރީނާގެ އެ އިޝްތިހާރުން އޭނާއާ އެކު ފެންނަ ފިރިހެން މީހާގެ ލޯފޮރުވުމަށް ފޮތިގަނޑެއް އެއްސުމަށްފަހު، ސްލައިސް ޖޫހާއި އެހެން އަނބު ޖޫހަކާ މެދުގައި އަޅާކިޔާ މަންޒަރު ފެނިގެންދެ އެވެ.

ކެޓްރީނާގެ މި އެޑް ޓީވީތަކުން ދެއްކުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.