އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ، ކުރީގެ ރައީސް ޔާމީން އިންޑިއާއާ އިދިކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް އަދި ދިވެހިންނަށް އޭގެ ގެއްލުން ދޭނެ ކަމެއް ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާ އެކު ގައުމަށްޓަކައި އެ ހަރަކާތް ހުއްޓުމަށް އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ރައީސް ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ވަނީ ގޮވާލާފަ އެވެ.

ރައީސް ޔާމީން ވިދާޅުވާގޮތުގައި އިންޑިއާ އައުޓް ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާ އޮތް ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު އޮތުމުން، އިންޑިއާ އައުޓް ހަރަކާތެއް ހުއްޓުވަން ގާނޫނެއް ހެދިނަމަވެސް، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭނެ ގޮތެއް ނޫންކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.