އަންނަ ޖެނުއަރީ މަހު ފެށޭނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ރިޔާސީ ދައުރު ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވެއްޖެ އެވެ.

މިމަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާ ވާދަ ކުރައްވައި، ރައީސް ޓްރަމްޕަށް ނާކާމިޔާބުވެ ވަޑައިގަތްކަން ގަބޫލުކުރަން ދެކޮޅު ހައްދަވައި، ޓްރަމްޕް ގެންދަވަނީ ކޯޓުތަކަށް މައްސަލަ ހުށަހަޅުއްވަމުންނެވެ. ބޮޑު އަޣުލަބިއްޔަތަކުން ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް، ރިޕަބްލިކަން ޕާޓީ އާއި އެމެރިކާ ސަރުކާރުގެ އިސްވެރިން ބައިޑަންއަށް މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު އެހެން ގައުމުތަކުގެ އިސްވެރިން ދަނީ ބައިޑަންއަށް މަރުހަބާ ވިދާޅުވަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޕޮމްޕޭއޯ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން ދެން ފެށޭނީ އޭނާގެ ދެވަނަ ރިޔާސީ ދައުރު ކަމަށެވެ. އަދި ބާރުތައް ބަދަލުވުމުގެ މަރުހަލާގައި ދަނީ އޮމާންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް ޚާއްސަ އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައި، ބައެއް ބާވަތުގެ ސިއްރު އަދި ޖާސޫސީ މައުލޫމާތުތަކާއި މާލީ އަދި އިގްތިސާދީ ކަންކަމާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދޭން ޖެހެ އެވެ. ޓްރަމްޕްގެ ސަރުކާރުން ބައިޑަންއަށް އެ ފުރުސަތު މިހާތަނަށް ފަހިކޮށްދީފައެއް ނުވެ އެވެ.